ޗައިނާގެ ވޫހާން ސިޓީގެ ކޯވިޑް ހާލަތު ގެނެސްދިން އެގައުމުގެ ނޫސްވެރިޔެއް ޖަލުގައި ހުރެގެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށް އާއިލާއިން ބުނެފިއެވެ.

ޗައިނާ ސިޓިޒެންގެ ޖާނަލިސްޓް ޒަންގް ޒާން 38، ޝަންހާއިގެ އަންހެނުންގެ ޖަލުގައި ހުރެގެން ބަނޑުހައި ހޫނުކަމުގެ ހަޅުލާލުކުރަމުން އަންނަ އިރު، އޭނާގެ ހާލު ދެރަވެ މަރުވެދާނެކަަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދި އޭނާ ދޫކޮށްލުމަށް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުންވެސް ދަނީ ޗައިނާއަށް ގޮވާލަމުންނެވެ.

Ad
rt

ފާއިތުވި 2020 ވަނަ އަހަރުގެ މޭ މަހު ޒަންގް ޒާންގެ މައްޗަށް 4 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ވޫހާންގެ ކޮވިޑް ކަވަރޭޖް ގެނެސްދިނުމުގައި ސަރުކާރާއި ރައްޔިތުންނާއި ދެމެދު މައްސަލަތައް ޖެހޭގޮތަށް ޚަބަރުތައް ގެނެސްދީފައިވާކަމަށް ބުނެއެވެ. މިމައްސަލައިގައި އޭނާގެ ފޯނުން ބޭނުންކޮށްގެން ވީޑިއޯތަކެއް ކޮށްފައިވާކަމަށްވެސް ކޯޓުން ބުނެފައިވެއެވެ.

ވަކީލުކަންވެސް ކޮށްފައިވާ ޒާން ވޫހާންއަށް ގޮސްފައިވަނީ ކޯވިޑްގެ ކަވަރޭޖް ކުރުމަށް 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.

އޭނާ ޖަލަށްލުމާއި އެކު ނުކައި ހުރުމުގެ ސަބަބުން މީހެއްގެ އެހީއާއިއެކު ނޫނީ މިހާރު ކޮޅަށްވެސް ނުތެދުވެވޭ ވަރަށް ހާލު ދެރަވެފައިވާކަމަށް އާއިލާއިން ވަނީ ބައިނައްލަޤްވާމީ ނޫސްތަކަށް މަޢުލޫމާތުދީފައެވެ. އަދި އާއިލާއަށްވެސް އޭނާއާއި ބައްދަލުކުރުމުގެ ފުރުސަތު ހަނިކުރުމަށް ޖަލުން މަސައްކަތްކުރާކަމަށް އާއިލާއިން ބުނެފައިވެއެވެ.

ޒާންގެ ވަކީލުންގެ ޓީމާއި ހަވާލާދީ އާއިލާއިން ބުނަނީ ޖަލުގައި އޭނާއަށް މިހާރު ގަދަ ކަމުން ކާންދެމުން އަންނަނީވެސް ނޭފަތަށް ހޮޅިއެއް ގުޅައިގެންކަމަށެވެ. އަދި ދުވަހެއް ދުވަހެއް އޭނާގެ ހާލަތުގޯސްވެ، މަރުވެދާނެކަމުގެ ބިރު ހީވެ އާއިލާއިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ޒާންއާއި އެކު ސިޓިޒަން ޖާނަލިސްޓުންގެ ޓީމްގައި ހިމެނޭ އިތުރު 3 ޖާނަލިސްޓަކުވެސް ވޫހާން ކަވަރޭޖްގައި ވަނީ ހައްޔަރުކޮށްފައެވެ.