އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބާއްވާ "މިނިވަންކަމުގެ ހިނގާލުން" އަންނަ ހުކުރު ދުވަހު ކުރިއަށް ގެންދަން އެ ކޯލިޝަނުން ނިންމައިފިއެވެ.
އިދިކިޅޮ ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްއިން މިއަދު ބުނީ މޫސުމް ތަން ނުދިނުމުގެ ސަބަބުން ފަސް ކުރެވުނު "މިނިވަންކަމުގެ ހިނގާލުން" 12 ނޮވެމްބަރު 2021 ވާ ހުކުރު ދުވަހު ބާއްވާގޮތަށް ނިންމާފައިވާ ކަމަށެވެ.
މި ހިނގާލުން ފެށޭނީ، މާލޭ ސިޓީގެ ޕީޕީއެމް އޮފީސް ކުރިމަތިން ހުކުރުދުވަހުގެ 15:45 ގައި ކަމަށް އެ ޕީޕީއެމުން ވަނީ ބުނެފައެވެ.
އިއްޔެ ހަވީރު މި ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރިން އިއުލާންކޮށްފައި ވީނަމަވެސް، މޫސުން ތަންނުދިނުމުން އިއްޔެގެ ހިނގާލުން ވަނީ ފަސްކޮށްފައެވެ.
ޕީޕީއެމްގެ ހަރަކާތު ކޮމިޓީން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަންނަ ހުކުރު ދުވަހު "މިނިވަންކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި ކުރިއަށް ގެންދާ ހިނގާލުމުގައި ބައިވެރިވެވެން ތިބި ހުރިހާ އެންމެންވެސް ބައިވެރިވުމަށް އެދޭ ކަމަށާއި، ހާއްސަކޮށް މާލެއާއި ގާތުގައި މީހުން ދިރިއުޅޭ ރަށްރަށުގެ މީހުން މާލެ އައިސް ހިނގާލުމުގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.
މި ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ދެވަނަ ޕާޓީ، ޕީއެންސީގެ ނައިބު ރައީސް، ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ދެއްކެވި ވާހަކާގައި ވަނީ، މިނިވަންކަމުގެ ދިފާއުގައި ކުރަމުންދާ މަސައްކަތުގައި އެއްވެސް ގައުމަކާ އެކު އިދިކޮޅު ކޯލިޝަނުން "ޑީލް" ނުހައްދާނެ ކަމަށް ވިދާޅުވެފަ އެވެ.
އިދިކޮޅު ކޯލިޝަނުން ގެންދަނީ ގިނަ ސިޔާސީ ހަރަކާތްތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމަށް ގޮވާލާ ހިނގާލުންތައް ބާއްވަމުންދާއިރު، "އިންޑިއާ މިލިޓަރީ އައުޓް" ނަމުގައި ޕެޓިޝަނެއްގައި ވެސް ދަނީ ސޮއިކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!