ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި އަންގާރަ ދުވަހުގެ ރޭ ބަޔާން މިޔުނިކާއި ބެންފީކާ ބައްދަލުކުރި މެޗު ފަސޭހަކަމާއި އެކު ބަޔާނުން ކާމިޔާބު ކޮށްފިއެވެ. ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 5-2 ގެ ނަތީޖާއަކުންނެވެ.
ރަނގަޅު ފޯމެއްގައި އޮތް ބަޔާން މިޔުނިކުން މި މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމުން މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ 26 ވަނަ މިނެޓުގައި ކޫމަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ލެވަންޑޯސްކީއެވެ. ދެވަނަ ލަނޑު 32 ވަނަ މިނެޓުގައި ލެވަނޑޯސްކީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ސާޖް ގްނަބްރީ ކާމިޔާބު ކޮށްދީ ދެލަނޑުގެ ލީޑެއް ނެގި ނަމަވެސް ބެންފީކާއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު 38 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މޮރާޓޯއެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ބަޔާނަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ލެވަންޑޯސްކީ ފޮނުވާލި ޕެނަލްޓީ ބެންފީކާގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ބަޔާނުން ވަނީ ލަނޑު ޖަހައި ލީޑު އިތުރަށް ފުޅާ ކޮށްފައެވެ. މި ލަނޑު އަލްފޮންސޯ ޑާވިސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސާނޭއެވެ. ބަޔާނުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 61 ވަނަ މިނެޓުގައި ސާނޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލެވަންޑޯސްކީއެވެ.
ބެންފީކާއިން މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު 74 ވަނަ މިނޓުގައި ޖޯ މާރިއޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑާވިން ނުނޭޒްއެވެ. ލެވަންޑޯސްކީ ވަނީ މެޗުގެ 84 ވަނަ މިނެޓުގައި ލަނޑުޖަހައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ ބަޔާނަށް އޭނާ ކުޅެދިން 100 ވަނަ ޗެމްޕިއަންސް ލީގު މެޗެވެ. މި މެޗުގެ ހެދި ހެޓްރިކާއެކު އޭނާ ކެރިއާގައި ހެދި ހެޓްރިކްގެ އަދަދު ވަނީ 28 އަށް އަރާފައެވެ.
މި ގްރޫޕްގައި ހިމެނޭ އަނެއް ދެ ޓީމް ކަމަށްވާ ބާސެލޯނާއާއި ޑައިނަމޯ ކިއޭވް އަންގާރަ ދުވަހުގެ ރޭ ބައްދަލުކުރި މެޗު ކާމިޔާބު ކޮށްފައިވަނީ ބާސާއިންނެވެ. ޑައިނަމޯގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބާސާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އަންސޫ ފާޓީއެވެ.
މި ނަތީޖާތަކާއި އެކު ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް ބަޔާނުން ވަނީ މުބާރާތުގެ އަނެއް ބުރަށް ދަތުރު ކޮށްފައެވެ. ބަޔާނަށް 4 މެޗުން ލިބިފައި ވަނީ 12 ޕޮއިންޓެވެ. މި ގްރޫޕްގެ ދެވަނާގައި ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިގެން ބާސާއޮތްއިރު، ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިގެން މި ގްރޫޕްގެ ތިންވަނާގައި އޮތީ ބެންފީކާއެވެ. މި ގްރޫޕްގެ ފުލުގައި އޮތީ ހަތަރު މެޗުން ލިބު އެއް ޕޮއިންޓާއިއެކު ޑައިނަމީ ކިއޭވްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!