މުޅި ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކޯވިޑް-19 ބަލީގައި މަރުވި މީހުންގެ އަދަދު 5 މިލިއަނަށް ފަހަނަ އަޅައިފިއެވެ.

މިއީ ދެ އަހަރަށް ވުރެ ކުރު މުއްދަތެއްގައި ކޯވިޑްގައި މަރުވެފައިވާ މީހުންގެ އަދަދު ކަމަށް ރެކޯޑުތަކުން ދައްކައެވެ.

Ad
rt

މި ވައިރަސް ފެތުރެން ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައިވާއިރު، މިހާތަނަށް މުޅި ދުނިޔޭގެ 248 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ މި ވައިރަސް ޖެހިފައެވެ. އަދި 5,025,815 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

މިއީ މިވަގުތު ދުނިޔޭގެ ހާލަތު އޮތްގޮތްކަމަށާއި، މިކަމުން ސަލާމަތްވުމަށް އަމިއްލަ ރައްކާތެރިކަން އިސްކޮށް މިއަދަދު އިތުރުވިޔަ ނުދީ އެންމެން ގުޅިގެން މަސައްކަތްކުރުމަށް ނުރައްކާތެރި ބަލިތައް ދިރާސާކުރާ އެމެރިކާގެ ޔޭލް ސްކޫލް އޮފް ޕަބްލިކް ހެލްތްގެ ޑރ.އެލްބާޓް ކޯ ވަނީ މުޅި ދުނިޔެއަށް ގޮވާލާފައެވެ.

ކޯވިޑް ޖެހިގެން އެމެރިކާގައި އެކަނިވެސް 767،000 މީހުން ވަނީ މަރުވެފައެވެ. އެމެރިކާގެ އިތުރުން، އީ.ޔޫގެ ގައުމުތަކާއި އިންގިރޭސިވިލާތް އަދި ބްރެޒިލް ހިމެނޭހެން ދުނިޔޭގެ މުއްސަނދި އަދި ފަގީރު ގިނަ ގައުމުތަކެއްގައި ގިނަ އަދަދަކަށް ކޮވިޑް ގައި މީހުން މަރުވެފައިވެއެވެ. އަދި އަވަށްޓެރި އިންޑިއާ އަކީ ވެސް ކޯވިޑް ހާލަތު ފާލުން ނެއްޓި އެއް ގައުމެވެ.

ކޮވިޑް ޖެހިގެން ބްރެޒިލްއިން 607،824 މީހުން މަރުވެފައި ވާއިރު އިންޑިއާއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 458،437 އަށް އަރާފަ އެވެ.

ރަޝިއާއިން ފާއިތުވީ މަހެއްހާ ދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ރެކޯޑް އަދަދަކަށް ކޮވިޑް ޖެހިގެން ވަނީ މީހުން މަރުވެފަ އެވެ. މަރުވާ މީހުންގެ ރެކޯޑު، ރެކޯޑް އަދަދަކަށް އިތުރު ވަމުން ދިއަ ނަމަވެސް 50 މިލިއަނަށް ވުރެ ގިނަ މީހުންނަށް ފުރިހަމަ އަށް ވެކްސިން ދީފައިވާ ކަމަށް އެގައުމުގެ ސިއްހަތާ ބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިންވެސް މިހާތަނަށް 243 މީހުން މަރުވެފައިވެއެވެ.