އިތިއޯޕިއާގައި ގައުމީ ފެންވަރުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވަނީ، ޓިގްރަޔަންގެ ހަނގުރާމަވެރިން އެގައުމުގެ ވެރިކަންކުރާ އަޑިސް އަބާބާއާއި ދިމާއަށް މިސްރާބު ޖަހާފައިވާކަމަށާއި އެގައުމުގެ އަމްހާރާ ރީޖަންގެ ދެ ޓައުންއެއް ހިސޯރުކޮށްފައިވާކަމަށްބުނެ އިޢުލާންކުރުމާއި ގުޅިގެންނެވެ.
އިތިއޯޕިއާގެ ގައުމީ މީޑިއާ އާއި ހަވާލާދީ ބައިނައްލަޤްވާމީ މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
އެގައުމުގައި އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ސިފައިން މަގުތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
މީގެ ދެދުވަސް ކުރިން ސަރުކާރުން ވަނީ ގޭގައި ބަޑި ފަދަ ތަކެތި ގެންގުޅޭ މީހުންގެ ހަތިޔާރު ސަރުކާރުގެ ކަމާއި ބެހޭ އިދާރާގައި ރަޖިސްޓްރީކޮށް ގޭގޭގައި ސަލާމަތީ ރައްކާތެރިކަން ބެލެހެއްޓުމަށްވެސް ގޮވާލާފައެވެ.
ޓިގްރޭ ޕީޕަލްސް ލިބެރޭޝަން ފްރަންޓް (ޓީ.ޕީ.އެލް.އެފް)ގެ ހަނގުރާމަވެރިން ވަނީ އިއްޔެވެސް އިތިއޯޕިއާގެ އަމްހާރާ ރީޖަންގެ ކޮމްބޮލްޗާ ޓައުންގެ 100 ޒުވާނުން ބަޑި ޖަހައި މަރާލާފައެވެ. ކޮމްބޮލްޗާގެ އެއާޕޯޓްވެސް މިހާރު ބަލަހައްޓަމުން އަންނަނީ ޓީ.ޕީ.އެލް.އެފުން ކަމަށް އިތިއޯޕިއާގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.
ޓިގްރޭއިން ބުނެފައިވާ ގޮތުގައި އެމީހުން ހަނގުރާމަ ފަށާފައިވަނީ އިތިއޯޕިއާގެ ސަރުކާރުން އަމްހާރާއާއި އަފަރް ރީޖަންއަށް ކާބޯތަކެއްޗާއި އެހެނިހެން ތަކެތި އެތެރެކުރުމަށް ބޭނުންކުރާ ދޮރުތައް ބަންދުކުރުމާއި އެކު ސަރުކާރަށް ބިރު ދެއްކުމަށް ކަމަށް ބުނެފައިވެއެވެ. ސަރުކާރުން މިގޮތައް ފިޔަވަޅު އަޅާފައި އޮންނަތާ އެއް މަސް ދުވަސް ވެފައިވާއިރު، މިއީ 6 މިލިއަން މީހުން ދިރިއުޅޭ ސަރަޚައްދެއްކަމަށްވެސް ޓިގްރޭއިން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!