އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އެންމެ ބޮޑު މިލިޓަރީ ހޮސްޕިޓަލަކަށް އަމާޒުކޮށްދީފައިވާ ބޮމުގެ 2 ހަމަލައެއްގައި 19 މިހަކު މަރުވެއްޖެއެވެ.
ބޮމުގެ ހަމަލާއާއި ގުޅިގެން 19 މީހުން މަރުވެ 43 މީހަކަށް އެކި ވަރުގެ އަނިޔާތައްވެފައިވާކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓަރު ހާމަކޮށްފައިވެއެވެ.
ސަރުކާރުގެ ތަރުޖަމާނުގެ އިތުރުން މަންޒަރުދުށް ފަރާތްތަކާއި ހަވާލާދީ ބައިނައްލަޤްވާމީ ޚަބަރުތައް ބުނާ ގޮތުންނަމަ، 2 ފަހަރަކަށް ބޮން ގޮވި އަޑު އިވިފައިވާކަމަށް ބުނެފައިވެއެވެ. ބޮން ގޮއްވާލާފައިވަނީ 400 އެނދުގެ ކެޕޭސިޓީއެއް ހުންނަ މިލިޓަރީ ހޮސްޕިޓަލުގެ ކުރިމަތީގައިކަމަށްވެސް ބުނެފައިވެއެވެ.
މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނާ ގޮތުންނަމަ މިއީ ކާރެއް ބޭނުންކޮށްގެން ދީފައިވާ ހަމަލާއެއްކަމަށްވެސް ބައިނައްލަޤްވާމީ ޚަބަރުތަކުގައި ބުނެފައިވެއެވެ.
ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރަން ފެށުމާއި އެކު އެ ގައުމުގައި މިފަދަ ބޮމުގެ ހާދިސާތައް ހިނގައި މީހުން މަރުވެ އަދި ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ދަނީ ލިބެމުންނެވެ. މިބޮމުގެ ހަމަލާގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ޖަމާއަތަކުން ނަގާފައި ނުވާއިރު، 2017 ވަނަ އަހަރުގެ އޮގަސްޓްމަހުވެސް އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައި.އެސް-ކޭގެ މީހުން ވަނީ ކާބުލްގައި ހުންނަ އަސްކަރީ ހޮސްޕިޓަލަށް އަމާޒުކޮށްގެން ބޮމުގެ ހަމަލާއެއްދީފައެވެ. މިހަމަލާގައިވެސް 30 މީހުން ވަނީ މަރުވެފައެވެ.
އޮކްޓޫބަރު މަހުވެސް އަފްޣާނިސްތާނުގެ ދެ މިސްކިތެއްގައި ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާތަކެއްގައިވެސް ވަނީ އެތައް ބަޔަކު މަރުވެގެން ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!