މިދިޔަ މަހު 185 ގައުމަކުން 2 މިލިއަނަށްވުރެ ގިނަ މީހުން ދުބާއީ އަށް ޒިޔާރަތްކޮށްފި އެވެ.
މިހާގިނަ އަދަދެއްގެ ބަޔަކު މިދިޔަ މަހު ދުބާއީއަށް ޒިޔާރަތްކުރީ ދުބާއީ އެކްސްޕޯ 2020 އަށެވެ.
އޮކްޓޫބަރު މަހުން ފެށިގެން ދުބާއީގައި ކުރިއަށްދާ ދުބާއީ އެކްސްޕޯ 2020 އަށް ބޮޑު ތަރުހީބެއް ލިބި، މިހާތަނަށް އެކްސްޕޯއަށް ޒިޔާރަތްކޮށްފައިވާ މީހުންގެ އަދަދު 2،350،868 އަށް އަރާފައިވާކަމަށް ދުބާއީ އެކްސްޕޯ 2020ގެ ކޮމިއުނިކޭޝަންސްގެ އިސްވެރިޔާ އަދި ނައިބު ރައީސް ސްކޮނައިޑް މެކް ގީޗިން ވަނީ ވިދާޅުވެފައެވެ.
އެކްސްޕޯއަށް ޒިޔާރަތްކޮށްފައިވާ މީހުންގެ ތެރެއިން 17 އިންސައްތަ މީހުންނަކީ އެކި ގައުމުތަކުން ޒިޔާރަތްކޮށްފައިވާ މީހުންނަށްވާއިރު، އެކްސްޕޯއަށް ޒިޔާރަތްކޮށްފައިވާ މީހުންގެ ތެރެއިން 28 އިންސައްތަ ހިއްސާކުރަނީ 18 އަހަރުން ދަށުގެ ކުދިންކަމަށްވެސް ހާމަކޮށްފައިވެއެވެ.
އެކްސްޕޯގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި އެންމެ ބޮޑު ތަރުޙީބެއް ލިބޭ ޕެވިލިއަންތަކަކީ އިންޑިއާ، ޖަރުމަނުވިލާތް، ފަރަންސޭސްވިލާތް، ސައުދީ އަރަބިއްޔާގެ އިތުރުން އިންގިރޭސިވިލާތްކަމަށް ވާއިރު، އެންމެ ގިނައިން އެކްސްޕޯއަށް ޒިޔާރަތްކޮށްފައި ވަނީ ވެސް އެ ގައުމުތަކަށް ނިސްބަތްވާ މީހުންކަން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން އެކްސްޕޯ ފެށިގެން 1 މަސް ވެފައިވާއިރު، 5،610 ރަސްމީ އިވެންޓްއެއް ކުރިއަށް ގެންދެވި، ގައުމުތަކުގެ އިސްވެރިންނާއި ސަރުކާރުތަކަށް ނިސްބަތްވާ ބޭފުޅުންގެ ތެރެއިން 1،938 ބޭފުޅަކު ވަނީ އެކްސްޕޯއަށް ވަޑައިގެންފައެވެ.
މިހާތަނަށް 185 ގައުމަކުން މީހުން އެކްސްޕޯއަށް ޒިޔާރަތްކޮށްފައިވާއިރު، މީގެ ތެރެއިން 53 އިންސައްތަ މީހުން ޒިޔާރަތްކޮށްފައިވަނީ ސީސަން ޕާސްއެއްގައެވެ. އަދި 27 އިންސައްތަ މީހުން މަލްޓި ޑޭ ޕާސްއެއްގައި ޒިޔާރަތްކޮށްފައިވާއިރު، 20 އިންސައްތަ މީހުން ޒިޔާރަތްކޮށްފައިވަނީ ސިންގަލް ޑޭ ޕާސްއެއްގައެވެ.
އެކްސްޕޯގައި އެކި ގައުމުތަކުގެ ޕެވިލިއަންތަަކަށް ޒިޔާރަތްކޮށް އެކްސްޕޯ ޕާސްތަކަށް 695،437 ސްޓޭމް ވިއްކާފައިވާކަމަށްވެސް ދުބާއި އެކްސްޕޯ 2020ގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ.
ހުރިހާ ގައުމުތަކެއްގެ ޕެވިލިއަންތަކުން ޒިޔާރަތްކޮށްފައިވާ މީހުންގެ އަދަދު އޮފިޝަލުންނަށް ހުށަހަޅާފައިވާއިރު، ސައުދީ އަރަބިއްޔާގެ ޕެވިލިއަންއަށް އެކަނިވެސް 500،000 މީހުން ޒިޔާރަތްކޮށްފައިވެއެވެ. މީގެ އިތުރުން އިންޑިއާ އަދި ފިންލޭންޑްގެ ޕެވިލިއަންއަށް ޒިޔާރަތްކޮށްފައިވާ މީހުންގެ އަދަދުވެސް 150،000 އަށް ވުރެ މައްޗަަށް ވަނީ ޖެހިލާފައެވެ.
މީގެ އިތުރުން އެކްސްޕޯއަށް ވާޗުއަލްކޮށް ޒިޔާރަތްކޮށްފައިވާ މީހުންގެ އަދަދު 12.8 މިލިއަނަށް އަރާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކަކީ ޑުބާއީއަށް ފިނިވާނެ ދުވަސްވަރެއްކަމުން، އެދުވަސްވަރުގައި ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވާނެކަމަށް ލަފާކުރާކަމަށްވެސް ޑުބާއީ އެކްސްޕޯ 2020 ގެ އޮފިޝަލުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!