ސިއްހީ ހިދުމަތްތެރިން މަދުވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ފަރުވާދިނުމަށް އެޅޭ ހުރަސްތަކަށް ޙައްލު ހޯދުމަށް 160 ޑޮކްޓަރުންނާއި، 200 އަށްވުރެ ގިނަ ނަރުހުން އިތުރުކުރަން އަންނަ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލިސްއަށް އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭން މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވީ، ޞިއްޙީ ދާއިރާގައި ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް
ފޯރުކޮށްދިނުން ކަމަށެވެ.
މިކަން ހާސިލުކުރުމަށް ކުރަމުންދާ އެންމެ މުހިންމު ކަމަކީ، ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްޤީކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ތެރެއިން 5 ހޮސްޕިޓަލުގެ ވަސީލަތްތަކާއި ޚިދުމަތްތައް ވަނީ ފުޅާކޮށް، ފެންވަރު ރަނގަޅުކޮށްފައި ކަމަށާއި، އަދިވެސް ޢުމްރާނީ ގޮތުން މި ހޮސްޕިޓަލުތަކަށް އިންވެސްޓުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި 5 ހޮސްޕިޓަލަކީ ވެސް އަމިއްލައިން ހިންގާ ހޮސްޕިޓަލުތަކަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، މީގެ ސަބަބުން ޞިއްޙީ ޚިދުމަތް ލާމަރުކަޒުވެ، ޚިދުމަތްތައް އަވަސްވެ، ކުރިއަރައިދިއުމަށް މަގުފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މީގެއިތުރުން، ރާއްޖޭގެ ޞިއްޙީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލުތަކަކަށް ބަދަލުކުރުމަށް މި ބަޖެޓުގައި ވާނީ އަމާޒުހިފާފައި، ރައްޔިތުންނާ އެންމެ ގާތުން ޞިއްޙީ ޚިދުމަތް ލިބޭނެކަން ކަށަވަރުކުރުމުގެ ގޮތުން 60 ރަށެއްގެ ހޮސްޕިޓަލު ނުވަތަ ޞިއްޙީ މަރުކަޒު އަޕްގްރޭޑުކުރުމަށް ވެސް 2022 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ." މިނިސްޓަރު ވިދާޅުވިއެވެ.
މީގެބޭނުމަކީ، ޞިއްޙީ ދާއިރާއަށް ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި ވަސީލަތްތައް މުއްސަނދިކުރުމާއި، ޚިދުމަތް ފުޅާކޮށް ފެންވަރު
ރަނގަޅުކުރުން ކަމަށް ވެސް ވިދާޅުވިއެވެ.
ސަރަޙައްދީ ތަރައްޤީއާއި ޞިއްޙީ ފަރުވާއާ ގުޅޭ އެންމެ ބޮޑު މިސާލަކީ، ކެންސަރުގެ ފަރުވާއަށް ޚާއްޞަކޮށް ލ. ގަމުގައި ތަރައްޤީކުރާ ހޮސްޕިޓަލް ކަމަށާއި، މި ހޮސްޕިޓަލުގެ މަސައްކަތް ވެސް ބަޖެޓުގައި ހިމަނާފައިވާނެކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން، ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު ފުޅާކުރުމާއި، އަތޮޅުތެރޭގައި ރީޖަނަލް މެންޓަލް ހެލްތު ޕްރޮގުރާމުތައް
ފެށުމާއި، އެމަޖެންސީ މެޑިކަލް ސަރވިސްގެ ޚިދުމަތް ހަރުދަނާކުރުމަށް ރޭވިފައިވާކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
"ރާއްޖޭގެ ކަންކޮޅުތަކުގައި ޞިއްޙީ ހިދުމަތްތެރިން މަދުވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ފަރުވާދިނުމަށް އެޅޭ ހުރަސްތަކަށް ޙައްލު ހޯދުމުގެ 2022 ވަނަ އަހަރު ޞިއްޙީ ދާއިރާގެ އައު ގިނަ މުވައްޒަފުންތަކަކަށް ޖާގަދީފައިވާނެ. މީގެތެރޭގައި 160
ޑޮކްޓަރުންނާއި، 200 އަށްވުރެ ގިނަ ނަރުހުން ހިމެނޭ." މިނިސްޓަރު ވިދާޅުވިއެވެ.
ޖުމުލަކޮށް ބަލާއިރު، ޞިއްޙީ ދާއިރާއިން އަންނަ އަހަރުގެ ބަޖެޓުގައި 4.6 ބިލިއަން ރުފިޔާ ކަނޑައެޅިފައިވާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!