ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި އެލްޗޭ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. އެލްޗޭގެ ދަނޑުގައި ހޮނިިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މި ނަތާޖާއާއިއެކު ރެއާލަށް ވަނީ ކުޅުނު 11 މެޗުން ލިބުނު 24 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ދެވަނާގައި އޮތް ރެއާލް ސޮސިއެޑާޑްއަށް ވެސް 11 މެޗުން 24 ޕޮއިންޓް ލިބިފައިވީ ނަމަވެސް ރެއާލަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. މި މެޗުން ބަލިވި އެލްޗޭއަށް 12 މެޗުން ލިބިފައި ވަނީ 10 ޕޮއިންޓެވެ. އެލްޗޭ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 15 ވަނާގައެވެ.

Ad
rt

މި މެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 22 ވަނަ މިނެޓުގައި މަރިއާނޯ ޑިއާޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ވިނީސިއަސްއެވެ. މި މެޗުގައި އެލްޗޭއަށް އިތުރު މައްސަލަތަކާއި ކުރިމަތިވެފައި ވަނީ މެޗުގެ 63 ވަނަ މިނެޓުގައި އެ ޓީމްގެ ގުޓީއަށް ދެވަނަ ރީނދޫ ކާޑާއި އެކު ރަތްކާޑު ދެއްކުމުންނެވެ. އޭނާއަށް ދެވަނަ ރީނދޫކާޑު ދައްކާފައި ވަނީ ރެއާލްގެ މިޑްފީލްޑަރ ޓޯނީ ކުރޫޒްއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

މެޗުގައި ރެއާލަށް ދެވަނަލަނޑު 73 ވަނަ މިނެޓުގައި މޮޑްރިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ވިނީސިއަސްއެވެ. މި ދެ ލަނޑާއިއެކު އޭނާ މި ސީޒަންގައި ލީގުގައި ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައި ވަނީ އޭނާއެވެ.

އެލްޗޭއިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ރެއާލްގެ ޑިފެންސްގެ ތެރެއިން ހެދުނު ގޯހެއްގެ ފައިދާނަގައި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ ޕެރޭ މިއްޔާއެވެ.