އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ގައިން ކުއްލިއަކަށް 20 ކިލޯ ލުއިކޮށްލީ އުތުރު ކޮރެއާ ރައްޔިތުންގެ ހަމްދަރުދީ ހޯދުމުގެ އުކުޅެއްގެ ގޮތުންކަމަށް ދެކުނު ކޮރެއާއިން ތުހުމަތު ކޮށްފިއެވެ.

މިގޮތުން ދެކުނު ކޮރެއާގެ ފާރަވެރިން ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ގެ ފަހުގެ ފޮޓޯތަކާއި ވީޑިއޯތައް ބަލައި ދިރާސާކޮށްފައެވެ. އެ ވީޑިއޯ އަދި ފޮޓޯތަކުން ކިމް ހިކި ކަމަށް ދައްކާތީ އޭނާގެ ފިޔަވަޅުތައް ވަރަށް ކައިރިން ބަލާ ފާރަވެރިވަމުން އަންނަ ކަަމަށް ދެކުނު ކޮރެއާއިން ބުނެއެވެ.

Ad
rt

ދެކުނު ކޮރެއާގެ ފާރަވެރިންނާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ލީޑަރު ކިމްގެ ބަރުދަން ލުއި ކަމަށް ދައްކަނީ ބަލި ވެގެނެއް ނޫނެވެ. ލީޑަރު އުޅެނީ އެ ބަދަލުގެ ސަބަބުން އުތުރުކޮރެއާގެ ރައްޔިތުންގެ ހަމްދަރުދީ ހޯދައި، އެގައުމަށް ދިމާވެފައިވާ އިޤްތިޞާދީ ކަންތައްތަކުގައި މަތިއެޅުމަށް އުކުޅެއްގެ ގޮތުގައި އެކަން ބޭނުން ކުރަމުން ކަމަށް ފާރަވެރިން ވަނީ ތުހުމަތުކޮށްފަ އެވެ.

ދެކުނު ކޮރެއާގެ ފާރަވެރިން މިހެން ބުނަމުން އަންނައިރު، ދެކުނު ކޮރެއާގެ ނެޝަނަލް އިންޓެލިޖެންސް އިން ވަނީ ބަންދު ކޮޓަރިއެއްގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނިކްސްތަކެއް ބޭނުންކޮށްގެން އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ބައްދަލުކޮށް ކިމްގެ ވީޑިއޯތަކެއް ދައްކާ އޭނާގެ ބަރުދަން ލުއިވި ގޮތާއި ބެހޭ މަޢުލޫމާތުތައް މެންބަރުނާއި ހިއްސާކޮށްފައެވެ.

ދެކުނު ކޮރެއާގެ ނޭޝަނަލް އިންޓެލިޖެންސްއިން ހާމަކޮށްފައިވާ ގޮތުގައި ކިމް ގެ ހަށިގަނޑަށް އަންނަމުންދާ ބަދަލްތަކަކީ، އޭނާ ދުޅަހެޔޮކޮށް ހުރުމަށާއި ބަރުދަން ލުއި ކުރުމަށް ކަސްތަރުކޮށް ހަދާތީކަމަށް އަންނަ ބަދަލެކެވެ. އަދި އެއްވެސް ކަހަލަ ބައްޔަކަށް ކިމް ފަރުވާ ހޯދަމުން ނުދާކަމަށް ބުނެ އިންޓެލިޖެންސް ޑިޕާޓްމަންޓްއިން ބުނެއެވެ.

އުމުރުން 37 އަހަރުގެ ކިމްގެ ބަރުދަން ލުއިކަމަށް ފޮޓޯތަކާއި ވީޑިއޯތަކުން ދައްކާކަމަށް ބުނަމުން އަންނަ އިރު، ދެކުނު ކޮރެއާގެ ނޭޝަނަލް އިންޓެލިޖެންސްއިން ހާމަކޮށްފައިވާ ގޮތުގައި ކިމްގެ ބަރުދަނުގައި ކުރިން ހުރީ 140 ކިލޯ ކަމަށާއި މިހާރު ހުރީ 120 ކިލޯކަމަށް ވަނީ ބުނެފައެވެ.

މިދުވަސްވަރު ގައުމުގެ އެކި ކަންކަމުގައި ކިމް އަވަދި ނެދި އުޅުއްވާތީ ހަށިގަނޑަށް ބަދަލް އަންނަނީކަމަށްވެސް އެން.އައި.އެސް އިން ވަނީ ހާމަކޮށްފައެވެ.

ކޯވިޑް 19 އާއި ގުޅިގެން އުތުރު ކޮރެއާގެ އިޤްތިޞާދަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާކަަށް ބައިނައްލަޤްވާމީ ޚަބަރުތަކުގައި އަންނަނީ ބުނަމުންނެވެ.