ށ. ނަރުދޫގައި ތިބި ހާއްސަ އެހީތެރިކަމަށާއި، ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަތުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ.

މިގޮތުން އެރަށުގައި ތިބި ހާއްސަ އެހީތެރިކަމަށާއި، ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަތުމަށް އެފަދަ މީހުންގެ ގާތަށް ނަރުދޫ ކައުންސިލުން ޒިޔާރަތް ކުރުމުގެ ޕްރޮގްރާމެއް މިހާރު ފަށައިގެން ދަނީ ކުރިއަށް ގެންދަމުންނެވެ.

Ad
rt

ނަރުދޫ ކައުންސިލްގެ ރައީސް މުހައްމަދު މުޝްތަރުޝިދު "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަޤްސަދަކީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ އެކަންތައް ތަކަށް ކައުންސިލްގެ ފަރާތުން އެހީތެރިވެ ދިނުމެވެ.

އެގޮތުން މި އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ފަށާފައިވާ މި ޕްރޮގްރާމްގައި މިހާތަނަށް 16 ފަރާތަކާއި ބައްދަލުކޮށް އެފަރާތްތަަށް ދިމާވެފައިވާ ތަކުލީފްތައް ހިއްސާ ކޮށްފައިވާ ވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވެފައިވެއެވެ.

އޭގެ ތެރޭގައި ލޯފަން މީހުންނާއި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ ފަރާތްތަކުގެ އިތުރަށް ދިގު މުއްދަތަކަށް ބޭސްް ފަރުވާ ކުރަމުންދާ ފަރާތްތައް ހިމެނޭ ކަމަށާއި މި ހުރިހާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ވަރަށް ކައިރިން ބައްލަވަމުންދާ ކަމަށް މުޝްތަރުޝިދު ވިދާޅުވިއެވެ.

މުޝްތަރުޝިދު އިތުރަށް ވިދާޅުުވީ މި ޒިޔާރަތްތަކުގައި ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ އާއްމު ދިރިއުޅުމުގެ ހާލަތާއި ކެއުންބުއިމުގެ އުސޫލުތައް ދަނީ އެފަރާތްތަކާއި އެންމެ އެކަށޭނަ ގޮތަށްތޯ ބަލާފައިވާނެ ކަމަށެވެ. އަދި އެފަރާތްތައް ދިރިއުޅޭ މާހައުލަކީ އެންމެ ރައްކާތެރި މާހައުލެއްތޯ ބަލާފައިވާނެ ކަމަށާއި އެފަރާތްތަކުގެ ބެލެނިވެރިންނާއިވެސް ބައްދަލުކޮށް ދިމާވެފައިވާ ދަތިތައް ކައުންސިލްއާއި ހިިއްސާ ކޮށްފައިވާ ކަމަށެވެ.


ނަރުދޫ ކައުންސިލުން ބުނެފައިވަނީ ހިނގާބިނގާވެ އުޅުމަށް ދަތިވާ ފަރާތްތަކުގެ ތެރެއިން ވީލްޗެއާ ބޭނުންވާ ފަރާތްތަކަށް ވީލްޗެއާ ހޯދާދިނުމަށް އެ ކައުންސިލުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ދިގު މުއްދަތަކަށް ބޭސް ފަރުވާ ކުރަމުންދާ ފަރާތްތަކާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމަށް އެ ކައުންސިލްއިން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ނަރުދޫ ކައުންސިލްއިން ފާހަގަ ކުރައްވާ ގޮތުގައި ހާއްސަ އެހީ އަދި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ތެރޭގައި ގިނައީ 65 އަހަރުން މަތީގެ ފަރާތްތަކެވެ.