ހދ. އަތޮޅު ކައުންސިލްގެ އިދާރާ ހދ. ކުޅުދުއްފުށި ސިޓީ ގައި އޮތުމުން ބައެއް ސަރުކާރުގެ ވުޒާރާތަކަށް އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލްގެ ދަރަޖަ، އޮޅިގެންދާކަމަށް ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ މިކަމަށް އަލިއަޅުއްވާލައްވާ ކުރެއްވި ޓުވީޓެއްގަ އެވެ.
މިޓުވީޓުގައި އަމީން ވަނީ، ހދ. އަތޮޅު ކައުންސިލް އެއަތޮޅުގެ އެހެން ރަށަކަށް ބަދަލު ކުރުމާއި ދޭތެރޭ ވިސްނާލުން ކިހިނެތްވާނެތޯ ސުވާލު ކުރައްވާފަ އެވެ.
އަމީން އަކީ ހދ. އަތޮޅު ކައުންސިލްގައި ހދ. ކުމުންދޫ ކައުންސިލް ތަމްސީލުކުރައްވަމުން އަންނަ ފަރާތެވެ. މިއީ ކުމުންދޫ ކައުންސިލްގެ ރައީސްކަން އަމީން ފުރުއްވަމުން އަންނަ ތިންވަނަ ދައުރެވެ.
“ކުޅުދުއްފުށީ ސިޓީގެ ކައިރީގައި ހިމެނޭ ކުމުންދޫ، ނޮޅިވަރަން ސިޓީ އާއި ގުޅި 20 މިނިޓުން ދަތުރު ކޮށްލެވޭ ހައި ސްޕީޑް ފެރީ ނެޓްވޯރކް އެއް ޤާއިމް ކުރުން މިއީ ރައްޔިތުން ވިސްނާލަން ރަނގަޅު ޚިޔާލެއް.“
މިޓުވީޓާއި ވިދިގެން އަމީން ކުރެއްވި އިތުރުން ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.
ކުޅުދުއްފުށީ ސިޓީގެ ކައިރީގައި ހިމެނޭ ކުމުންދޫ، ނޮޅިވަރަން ސިޓީ އާއި ގުޅި 20 މިނިޓުން ދަތުރު ކޮށްލެވޭ ހައި ސްޕީޑް ފެރީ ނެޓްވޯރކް އެއް ޤާއިމް ކުރުން މިއީ ރައްޔިތުން ވިސްނާލަން ރަނގަޅު ޚިޔާލެއް.
— Ameen Mohamed (@Ameenkumundhoo) October 26, 2021
2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ހދ. ކުޅުދުއްފުށީގެ އާބާދީ 10،000އަށް އެރުމާ އެކު ސިޓީއެއްގެ ދަރަޖަ ކުޅުދުއްފުއްޓަށް ލިބުނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އެވެ. ސިޓީއަކަށް، ކުޅުދުއްފުށި ބަދަލުވުމާ އެކު ހދ. އަތޮޅު ވެރިކަން ކުރާރަށް ބަދަލުވާނެ ކަމަށް އެދުވަސްވަރު ވާހަކަ ދެކެވިގެން ދިޔަ އެވެ.
ހދ. އަތޮޅުން ސިޓީއެއްގެ ގޮތުގައި ކުޅުދުއްފުށި ކަނޑައެޅިއިރު އެ ދާއިރާގައި 13 ރަށް އޮވެ އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން މިހާތަނަށް ސިޓީއަކަށް ބަދަލުކޮށްފައިވަނީ މާލޭގެ އިތުރުން އައްޑު އާއި ފުވައްމުލަކެވެ. އައްޑޫ ސިޓީއަކަށް ބަދަލު ކުރީ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށެވެ. ފުވައްމުލައް ހިމެނެނީ އެއް އަތޮޅެއްގެ ގޮތުގަ އެވެ.
ކުޅުދުއްފުށި ސިޓީއަކަށް ހެދުމުގައި ހުރި ގާނޫނީ ހުރަސްތައް ނައްތާލުމަށް، ސަރުކާރުން 2019 ވަނަ އަހަރު ވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެނެސްފަ އެވެ. އޭގެ ތެރެއިން އެއް އިސްލާހުގައިވާ ގޮތުން އަތޮޅުގެ ވެރިރަށަކަށް ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް، އެ ދާއިރާއެއްގައި ވަކިވަކި ރަށްތަކެއް ހިމެނޭ ނަމަ، އެ ރަށްތަކަށް ހިދުމަތް ދޭނީ އަތޮޅު ކައުންސިލުންނެވެ. އަދި އަތޮޅު ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ތަންތަނާއި ދެމުން ގެންދިޔަ ޚިދުމަތްތައް ވެސް ކުރިއަށް ގެންދާނީ އެ ކައުންސިލުންނެވެ.
މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން ގެނައި އިސްލާހާއިއެކު ހދ، އަތޮޅު ގައި އަތޮޅު ވެރިކަން ބަދަލުކުރުމަށް ކުރަމުންއައި ކެންޕޭންތައް ވަނީ ހުއްޓިފަ އެވެ. އެބަހުސް އެހިސާބުން އޮބި މިއަދު މިވަނީ ކައުންސިލްތައް އިންތިހާބުކޮށްފަ އެވެ.
ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އިންތިހާބުކޮށްގެން މަޖިލީހުގައި ތަމްސީލް ކުރަމުން އަންނަނީ 2 މެންބަރުންނެވެ. މީގެ އިތުރުން ހދ އަތޮޅުގެ 12 ރަށް ހިމެނޭހެން އިތުރު 4 ދާއިރާއެއް މަޖިލިސްގައި އަންނަނީ ތަމްސީލް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!