ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު، ރޭ ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތްކުރައްވައި އެ އެކްސްޕޯގައި ހުރި ސަޢޫދީ ޢަރަބިއްޔާގެ ޕެވިލިއަންއަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޭ ޒިޔާރަތްކުރެއްވި ސަޢޫދީ ޢަރަބިއްޔާގެ ޕެވިލިއަންއަކީ ޔޫ.އޭ.އީގެ ޕެވިލިއަންއަށްފަހު މުޅި އެކްސްޕޯގައި ދެ ވަނައަށް އެންމެބޮޑު ޕެވިލިއަން އެވެ. އެކްސްޕޯގެ އޮޕަޓުނިޓީ ޑިސްޓްރިކްޓްގައި ހުރި މި ޕެވިލިއަންގެ ބޮޑުމިނުގައި 13059 އަކަމީޓަރު ހުރެއެވެ.

Ad
rt

އެތަނުގެ މޫނުމަތި ތައްޔާރުކޮށްފައި ވަނީ އެ ޤައުމުގެ ރަސްކަމާއި ގުޅިފައިވާ ކަންކަމާ އަދި އެޤައުމުގެ އާދަކާދައިގެ ތެރޭގައި ޒަމާނުއްސުރެ އަށަގަނެފައިވާ މެހުމާންދާރީ އަދާކުރުމުގެ ރީތި އާދަތައް ފަދަ އެޤައުމަށް ޚާއްޞަ ގިނަ ކަންތައްތަކެއް ދައްކުވައިދޭގޮތަށެވެ.

ރައީސްގެ ދެ ކަނބަލުން ފަލަސްޠީނުގެ ޕެވިލިއަންއަށް ވެސް ރޭ ޒިޔާރަތް ކުރައްވާފަ ވެއެވެ. އަދި ރައީސް ޞާލިޙް ވަނީ ދުބާއީ އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްދިޔަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ފުޅުވެސް ދައްކަވާފައެވެ.

ދުނިޔޭގެ 192 ޤައުމަކުން ބައިވެރިވާ، ދުބާއީ އެކްސްޕޯ 2020ގެ ތީމަކީ "ކަނެކްޓިންގ މައިންޑްސް އެންޑް ކްރިއޭޓިންގ ދަ ފިއުޗަރ" އެވެ. އަދި މި ތީމު ބިނާވެފައި ވަނީ ދެމެހެއްޓެނިވިކަމާއި، އީޖާދީކަން އަދި ދުނިޔޭގެ ކަންކޮޅުތަކުން އެއްބާރުލުން އިތުރުކުރުމުގެ މައްޗަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫ.އޭ.އީ.އަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށް އެޤައުމަށް ކުރައްވާ ދަތުރުފުޅެކެވެ.