2019 އަހަރު ޑިސެމްބަރ މަހު ސަރުކާރުން ފަތުރުވެރިކަން ތަރައްޤީކުރުމަށް އަލަށް އިޢުލާންކުރި ރަށްތައް ދުބާއީ އެކްސްޕޯ 2020ގައި ކުރިއަށްދާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގައި ބީލަމަށް ހުޅުވާލައިފި އެވެ.

މިގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމްއިން މިއަދު ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ބިންބިމުގެ މަޢުލޫމާތުތައް އިޢުލާންކޮށް ގެޒެޓްކޮށްފައިވާއިރު، މިރަށްތަކުގެ ތެރޭގައި ގިނައީ އެންމެ ފަހުން ބީލަން ހުޅުވާލައިގެން ނުވިކުނު ރަށްތެކެވެ.

Ad
rt

އެއިޢުލާނުގައި ހއ. އަތޮޅުން މިފަހަރު އަލުން ބިޑަށް ހުޅުވާލާފައިވަނީ ހއ. އަލިދުއްފަރުފިނޮޅާއި ހއ. މެދަފުށި އެވެ. ހދ. އަތޮޅުން އިޢުލާންކޮށްފައިވަނީ ހދ. ކުޑަފަރުފަސްގަނޑު އެކަންޏެވެ. އަދި ށ. އަތޮޅުން ކުޑަޅައިމެންދޫ އެވެ. މިފަހަރު އަލަށް ބިޑަށް ހުޅުވާލީ ރަށްތަކަކީ ހއ. މެދަފުއްޓާއި ށ. ކުޑަޅައިމެންދޫ އާއި ރ. އެއްތިގިލި ހިމެނޭ ގޮތަށް އަލިފުށި ފަޅުން 10 ހެކްޓަރާއި، ފ. އެނބުލުފުށި އަދި ފ. ޖިންނަތުގައުއެވެ.

މިދިޔަ އަހަރު ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހު ރިސޯޓު ހަދަން ހުޅުވާލި 4 ރަށުގެ ތެރޭގައިވެސް އަލިދުއްފަރުފިނޮޅާއި ކުޑަޅައިމެންދޫ ހިމެނެ އެވެ. އެފަހަރު ހދ. އަތޮޅުން އިޢުލާންކުރީ ދަނޑުވެރިކަން ކުރާ ރަށެއް ކަމަށްވާ ވައިކަރަމުރައިދޫން 15 ހެކްޓަރެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވަނިކޮން މިދިޔަ އޭޕްރިލް މަހު ހއ. އަލިދުއްފަރުފިނޮޅާއި ހދ. ކުޑަފަރުފަސްގަނޑު އިޢުލާންކުރި އެވެ. ނަމަވެސް ބިޑު ހުށައަޅާ ފަރާތެއްވީ ހަމަ އެކަނި ހއ. ވެލިފިނޮޅަށެވެ. މިރަށްތަކަށް އެއްވެސް ތަރުހީބެއްލިބިފައެއް ނުވެއެވެ. މައުލޫމާތު ސާފު ކުރަން ބޭއްވި ސެޝަންތަކުގައި 65 ޕާޓީ އަކުން ބައިވެރިވެ މައުލޫމާތު ހޯދިއިރު 4 ރަށުގެ ބިޑުފޮތް 7 ފަރާތަކުން ގަނެފައިވެއެވެ. ނަމަވެސް ބިޑު ފޮތް ހުށަ އެޅީ އެންމެ ފަރާތަކުން ނެވެ.

އެހެން ފަހަރުތަކާއި ހިލާފަށް މިފަހަރު ހުޅުވާލާފައިވާ ރަށްތަކަށް ބިޑު ހުށަހެޅުމަށް ވަނީ ދިގު މުއްދަތެއް ދީފައެވެ. އެގޮތުން ބިޑު ހުށަހެޅުމުގެ ފުރުސަތު ވަނީ އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށެވެ. ރިސޯޓް ތަރައްގީކުރުމަށް ހުޅުވާލީ 11 އަތޮޅަކުން 18 ރަށެކެވެ. އެއަތޮޅުތަކަށް ބަލާލާއިރު، ހއ. އަތޮޅުން 2 ރަށް، ހދ، ށ، ނ، ރ އަތޮޅުން 1 ރަށާއި، މ. އަތޮޅުން 2 ރަށެއް، ފ. އަތޮޅުން 2 ރަށެއް، ތ. އަތޮޅުން 2 ރަށެއް، ލ. އަތޮޅުން 3 ރަށް، ގއ އަދި ގދ އަތޮޅުން 2 ރަށެވެ. މި ރަށްތަކުގެ ތެރޭގައި އެއް ފަޅެއްގައި އޮންނަ ރަށްތައް އެއް ފަރާތަކަށް ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 04 ނޮވެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އަދި 20 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައިވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، ޓޫރިޒަމް މިނިސްޓްރީއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދިފައިވެ އެވެ.

ރިސޯޓު ތަރައްގީ ކުރުމަށްޓަކައި 29 ރަށް މި ދައުރު ނިމޭއިރު މާކެޓަށް ނެރޭނެ ކަމަށް މި ސަރުކާރުން ވަނީ ކުރިން ބުނެފަ އެވެ. އަދި މި ރަށްތައް ހުޅުވުމުން 18،000 ވަޒީފާ އުފެދޭނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ.

މިފަހަރު ރިސޯޓް ތަރައްޤީކުރާ ފަރާތްތަަކަށް ސަރުކާރުން ގިނަ ލުއިތަކެއް ދިނުމަށް ހަމަޖެހިފައިވާއިރު ރިސޯޓް ތަރައްޤީކުރަން އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ކުޑަކުރުމާއި، 100 އިންސައްތަ ބޭރުގެ ހިއްސާ އޮންނަ ފަރާތްތަކަށްވެސް ރަށްތައް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދުބާއީގައި މިހާރުކުރިއަށްދާ އެކްސްޕޯގައި އިންވެސްޓްމަންޓް ފޯރަމްގެ އިތުރުން ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާއި ބެހޭގޮތުން ޚާއްޞަ ޕެނަލް ޑިސްކަޝަނެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ޕެނަލްގައި ރާއްޖޭގެ ހަތަރު ވަޒީރުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.