މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓަރީކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފިއެވެ.

މިކަން ހާމަކޮށް މިއަދު އިލެކްޝަން ކޮމިޝަނުން ކޮށްފައިވާ ޓްވީޓްގައި ވިދާޅުވެފައި ވަނީ މިއަދު ބޭއްވުނު 396 ވަނަ ޖަލްސާއިން "މޯލްޑިވްސް ނެޝަނަލް ޕާޓީ" ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ނިންމައި އެ ޕާޓީގެ ރަޖިސްޓަރީ ހަވާލު ކޮށްފައިވާ ކަމަށެވެ.

Ad
rt

އެމްއެންޕީއަކީ ކުރީގެ ޑިފެންސް މިނިސްޓަރ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި ދަނގެތީ ދާއިރާ ތަމްސީލް ކުރައްވަމުން އަންނަ މެމްބަރ މުހައްމަދު ނާޒިމްއާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އިސްވެ ހުންނަވައި އުފައްދާފައިވާ ސިޔާސީ ޕާޓީއެކެވެ.

އެ ޕާޓީއަށް 5000 މެމްބަރުންނަށްވުރެ ގިނަ މެމްބަރުންގެ ސޮއި ހޯދައި ރަސްމީކޮށް ރަޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައި ވަނީ 15 ސެޕްޓެމްބަރ 2021 ވަނަ ދުވަހުއެވެ.

އެ ޕާޓީގެ ރައީސްއަކީ އެ ޕާޓީގެ އެއް މުއައްސިސް ކަމަށްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ. އެ ޕާޓީގައި ހަ ނައިބު ރައީސުން ތިއްބަވައެވެ. އެ ނައިބް ރައީސުންގެ ތެރޭގައި ހިމެނެނީ ހުސައިން އިސްމާއީލް، އަހްމަދު އުޝާމް، އަބްދުﷲ ރިޔާޒު، އަހްމަދު ޝަރީފް، ޝިދާތާ ޝަރީފްގެ އިތުރުން މިރުފަތު އިސްމާއީލް ޝަފީގެވެ.

މިވަގުތު އެ ޕާޓީން އަމާޒު ހިފާފައިވަނީ ޕާޓީގެ މެމްބަރުން އިތުރުކޮށް އަވަސް މުއްދަތެއްގެ ތެރޭ 10،000 މެމްބަރުން ހަމަކުރުމަށް ކަމށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ. އެ ޕާޓީގެ ދާއިމީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. އެއިންތިހާބުގައި ފަސް އަހަރުގެ ދައުރަކަށް ޕާޓީގެ ލީޑާޝިޕާއި ނެޝަނަލް އެގްޒެކެޓިވް ކައުންސިލް އިންތިހާބުވެގެން ދާނެއެވެ.