ސޫދާންގެ އަސްކަރިއްޔާއިން އެގައުމުގެ ބޮޑުވަޒީރާއި ބައެއް ލީޑަރުން ހައްޔަރުކުރުމުން އެގައުމުގެ މަޝްރަހު ހޫނުވެއްޖެއެވެ.

ހޯމަ ދުވަހުގެ ހެދުނުގެ ވަގުތެއްގައި، އަސްކަރިއްޔާގެ ފައުޖަކުން ސޫދާންގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު ދިރިއުޅުއްވާ ގެކޮޅު ވަށާލުމަށްފަހު އޭނާ ވަނީ ހައްޔަރުކޮށްގެން ގެންގޮސްފައެވެ. ބައިނައްލަޤްވާމީ ޚަބަރުތައް ބުނާގޮތުގައި އަސްކަރިއްޔާއިން ވަނީ ކެބިނެޓް ވަޒީރުންގެ ތެރޭގައި ހިމެނޭ އިންޑަސްޓްރީ މިނިސްޓަރާއި، އިންފޮމޭޝަން މިނިސްޓަރުގެ އިތުރުން ބޮޑުވަޒީރުގެ މީޑިއާ އެޑްވައިޒަރުވެސް ހައްޔަރުކޮށްފައެވެ.

Ad
rt

މިބޭފުޅުން ހައްޔަރުކޮށްގެން ގެންސްގޮފައިވާ ތަނެއް އާއިލާތަކަށް ވެސް އަދި މިހާތަނަށް އަންގަފައިނުވާ ކަމަށް އާއިލާތަކާއި ހަވާލާދީ ޚަބަރުތައް ބުނެއެވެ.

ނަމަވެސް ސޫދާންގެ ބޮޑުވަޒީރާއި އަދި ކެބިނެޓް ވަޒީރުން ހައްޔަރު ކޮށްފައިވާކަން އެގައުމުގެ އޮފިޝަލުންވަނީ ބައިނައްލަޤްވާމީ ޚަބަރު ފަތުރާ މީޑިއާތަކަށް ޔަގީން ކޮށްދީފައެވެ.

ސޫދާންގައި ދިގު ޒަމާންތަކެއް ވަންދެން ވެރިކަން ކުރެއްވި އުމަރު ބަޝީރު ވެރިކަމުން ދުރު ކުރެވުމަށްފަހު އެގައުމަށް އެގައުމުގެ އަސްކަރިއްޔާއާއި އަދި މަދަނީ ސަރުކާރުން ވެރިކަމުގެ ބާރުތައް ހިއްސާ ކުރަމުން އައިނަމަވެސް، ޚިޔާލުތަފާތުވެ، ފާއިތިވެދިޔަ މަހުވެސް ވަނީ ނާކާމިޔާބު ބަޢާވާތެއް އެގައުމަށް ގެންނަން މަސައްކަތް ކޮށްފައެވެ.

އަލް ބަޝީރު މަގާމުން ދުރު ކޮށްފައިވަނީ، 2019ވަނަ އަހަރު އޭނާއާ ދެކޮޅަށް އެގައުމުގައި ހިނގައިދިޔަ ބޮޑެތި މުޒާހަރާތަކަށް ފަހުއެވެ. އެއަށްފަހު، އެގައުމުގައި އެކުލަވާލެވުނު ސަރުކާރުން ވަނީ 2023ގައި އިންތިޚާބެއް ބޭއްވެންދެން އިންތިގާލީ އިންތިޒާމްތަކެއްގެ ދަށުން ވެރިކަމުގެ ބާރުތައް ހިއްސާ ކުރުމަށް އެއްބަސް ވެފައެވެ.

މިކަމާއި ގުޅިގެން އެގައުމުގެ ވެރިރަށް ކަރްތޫމްގައި މުޒާހަރާތައް ހޫނުވެ، މުޒާހަރާގެ ބައިވެރިން އަންނަނީ މަގުތަކުގައި އަލިފާންވެސް ރޯކުރަމުންނެވެ.