ށ. ނަރުދޫގެ 30 އަހަރުން މަތީގެ ކަނބަލުންނަށް ހާއްސަކޮށް އިނގިރޭސި ބަސް ދަސްކޮށްދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ނަރުދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ޕްރޮގްރާމް އަކީ 1 މަސް ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ޕްރޮގްރާމެއް ކަމަށް އެ ކޮމިޓީއިން މައުލޫމާތު ދެއްވައެވެ.
އެގޮތުން އެ ކޮމިޓީއިން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ ކޮމީޓީއަށް ގުޅުއްވާ ނަންނޯޓު ކުރުމަށް އެދިފައެވެ. ނަން ނޯޓު ކުރުމަށް ގުޅަން ޖެހެނީ 7382868 ނުވަތަ 7848384 ނަންބަރު ފޯނަށެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ އަތުން ސަތޭކަ ރުފިޔާގެ ފީއެއް ނެގުމަށް ހަމަޖެހިފައިވެއެވެ.
ނަރުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ މަރިޔަމް ރަޝީދާ "ތިލަދުން"އަށް ވިދާޅުވީ، މި ކޯހަކީ ބޭސިކް ކޯހެއް ކަމަށެވެ.
"މި ކޯހުގައި ކިޔަވައިދޭނީ ކޮލިފައިޑް މިރަށުގެ ޓީޗަރެއް، ދެން ޓީޗަރުކަން ކިވަމުންދާ ކުއްޖެއް، އަޅުގަނޑުމެން މި ކޯހުގައި ފީއެއް މި ނަގަނީ އިދާރީ ޚަރަދުތަކަށް އެހީއެއްގެ ގޮތުން، ކުރިން ހިންގި ކަސްރަތި ކޯސް ގެންގޮސްފައި ވާނީ ހިލޭ" މަރިޔަމް ރަޝީދާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސްކޫލްގެ ބެލެނިވެރިންނަށް މި ކޯހަކީ ވަރަށް މުހިންމު ކޯހެއް ކަމަށާއި، ބެލެނިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ބެލެނިވެރިންނަށް މި ކޯހުން އެހީތެރިކަން ލިބޭނެ، ދަރިވަރުންގެ ކަންކަން ގޭގައި ބަލަހައްޓަނީ ބެލެނިވެރިންނަށްވެފައި އޮންލައިންކޮށް ކިޔެވުން އޮންނަ ފަހަރުވެސް އަންނާތީ އިންގްލިޝް ނޭނގޭ ބެލެނިވެރިންނަށް ބޭސިކް އިންގްލިޝް އެނގުމުން ފަސޭހަކަން ލިބިގެންދާނެ" މަރިޔަމް ރަޝީދާ ވިދާޅުވިއެވެ.
ނަރުދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ މިދިޔަ މަހުގެ 1 އިން 30 އަށް އެރަށުގައި ކަނބަލުންނަށް ޚާއްޞަ ކަސްރަތު ކްލާސްތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެ ކްލާސްތަކުގައި އެރަށުގެ 40 ކަނބަލުން ބައިވެރިވެފަ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!