ކުރިއަށް އޮތް 3 ދުވަސްތެރޭގައި ރަށްރަށަށް އެމްބިއުލާންސްތައް ފޮނުވަން ފެށޭނެ ކަމަށް ހެލްތު މިނިސްޓަރީން ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީން މިއަދު ވިދާޅުވީ، އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސް.ޓީ.އޯ މެދުވެރިކޮށް ގެނެވިފައިވާ 20 ވިހި އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމަންޓް، އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަށްވަމުން ގެންދަވާ ކަމަށެވެ.
މިގޮތުން އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ކުރިއަށް އޮތް 3 ދުވަސްތެރޭގައި އެމްބިއުލަންސްތައް ފޮނުވަން ފެށޭނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މިދިޔަ ޖޫންމަހު ސަރުކާރުން ވަނީ އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާ ހަވާލުކޮށްފައެވެ.
ކުރިއަށް އޮތް 3 ދުވަސްތެރޭގައި ރަށްރަށަށް އެމްބިއުލާންސްތައް ފޮނުވަން ފެށޭނެ ކަމަށް ހެލްތު މިނިސްޓަރީން ވިދާޅުވިއިރު، ހދ. މަކުނުދޫގައި ބަލި މީހަކު ބަރޯއަކަށް ލައިގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިއުމުން ގިނަ ބައެއްގެ ފާޑިކުޔުން ވަނީ އަމާޒުވެފައެވެ.
ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ސަރުކާރުން ބުނެފައިވަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު 20 އެމްބިއުލާންސް ގެންނާނެ ކަމަށާއި އޭގެ ފަހުންވެސް 20 އެމްބިއުލާންސް ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!