ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިޒާމު ކޮށްގެން ބޭއްވި ހިނގާލުން ނިންމާލައިފިއެވެ.
ގިނަ އިދިކޮޅު ސަޕޯޓަރުންތަކެއް ބައިވެރިވި މި ހިނގާލުން އަމާންކަމާއެކު ނިންމާލާފައިވާއިރު، މި ހިނގާލުމުގައި ވަނީ ހދ. ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ވެސް ގޮވާލާފައެވެ.
މާލޭ ސިޓީގައި ހުންނަ ޕީޕީއެމްގެ އޮފީހުގެ ކުރިމަތިން ބޮޑުތަކުރުފާނު މަގުން މިއަދު ހަވީރު 4 ޖަހާއިރު ފެށި މި ހިނގާލުމުގައި ވަނީ އިދިކޮޅު ލީޑަރޝިޕްގެ އިސްބޭފުޅުން ވެސް ބައިވެރިވެފައެވެ.
ހިނގާލުމުގެ ބައިވެރިން މާލޭގެ ބައެއް ބޮޑެތި މަގުތަކުގައިވެސް ހިނގާލާފައިވާއިރު އެ ބައިވެރިން ފާޅުކުރި ޝުއޫރުތަކުގެ ތެރޭގައި ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުގައި އިންޑިއާ ސިފައިން ތިބިކަމަށާއި، އެ މީހުން ބޭލުމަށް ވަނީ ގޮވާލާފައެވެ. އަދި މިނިވަންކަން "ވިއްކާލާތަން" ބަލަން ނުތިބެވޭނެ ކަމަށް ބުނެ ޝުއޫރު ފާޅުކޮށްފަ ވެއެވެ.
ހިނގާލިމުގައި ބައިވެރިވަމުން ދަނީ އިންޑިއާ ގޯސްވެގެން ނޫންކަމަށާއި، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބާލައި ދިނުމަށް އެދި ގޮވާލަންކަމަށް ބުނެ ބައެއް ބައިވެރިން ޝުއޫރު ފާޅުކޮށްފަ ވެއެވެ.
ރައްޔިތުން ގޮވަމުންދަނީ ހަނިމާދޫގައި ތިބި އިންޑިޔާ ސިފައިން ބޭރުކުރުމަށް. ރައްޔިތުން ގޮވަމުންދަނީ ގޮތް ނޭނގޭ އެގްރީމަންޓްތައް ހާމަކުރުމަށް. ރައްޔިތުން ގޮވަމުންދަނީ މިގައުމުގެ މިނިވަންކަމާ އިސްތިގްލާލަށް އަރައިނުގަތުމަށް. އިންޑިޔާ ސިފައިން ބޭރުކުރޭ! @ibusolih #IndiaMilitaryOut pic.twitter.com/lCXEjYMnM3
— Centurion (@King_KongP) October 22, 2021
މިހިނގާލުމާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމުން ބުނީ ހިނގާލުމުގެ ބޭނުމަކީ ރާއްޖޭގައި ބޭރުގެ ސިފައިން ދިގު މުއްދަތަކަށް ގާއިމުވެގެން ތިބުމަކީ ދިވެހިން ނުރުހޭ ކަމެއް ކަމަށް ސަރުކާރަށް އަންގައިދިނުން ކަމަށެވެ.
މިއަދުގެ ހިނގާލުމުގައި ބައިވެރިވުމަށް ބައެއް ސިޔާސީ ޕާޓީ ތަކަށް ޕީޕީއެމުން ދައުވަތު ދިން ނަމަވެސް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް،ޕީއެންސީ ފިޔަވައި އިތުރު އެއްވެސް ސިޔާސީ ޕާޓީ އަކުން އެ ދައުވަތު ބަލައިގަނެ ހިނގާލުމުގައި ބައިވެރިވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!