ސާފު ބޯފެނާއި ސާފުތާހިރުކަން ލިބުމުގެ ހައްޤު ޒަމާނުއްސުރެ ނިގުޅައިގަނެފައިވާ މުޖުތަމަޢުތަކަށް ވަސީލަތްތަކާއި ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް، އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢަށް، އެމަނިކުފާނު މިހެން ގޮވާލެއްވީ 4 ވަނަ ގްލޯބަލް ވޯޓަރ އޮޕަރޭޓަރސް ޕާޓްނަރޝިޕްސް ކޮންގްރެސްގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

Ad
rt

އެމަނިކުފާނުގެ ވާހަކަ ފުޅުފައްޓަވަމުން ވިދާޅުވީ، ފެނަކީ ދިރުން، އަދި އެކަށީގެންވާ ސާފު ބޯފެނާއި ސާފުތާހިރުކަން ލިބުމަކީ އިންސާނީ އަސާސީ ހައްގެއްކަމަށެވެ.

ޔުނިސެފުން ބުނާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1.42 ބިލިއަނަށް ވުރެ ގިނަ މީހުން، އެއީ 450 މިލިއަން ކުޑަކުދިން ހިމެނޭގޮތަށް، ދިރިއުޅެމުންދަނީ އެކަށީގެންވާ ގޮތެއްގައި ފެން ނުލިބިކަމަށާއި އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ 5 ކުއްޖަކުން 1 ކުއްޖަކަށް އެކުދިންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ މިންވަރަށް ފެން ނުލިބޭކަން ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ފެނާ ގުޅުން ހުރި ނުރައްކާތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު ގެދޮރުދޫކޮށް އެހެން ހިސާބުތަކަށް ހިގުރަކުރަން ޖެހިފައިވާކަމަށެވެ.

"ފެނުގެ ދަތިކަން ހުރި ގޭބިސީތަކުގެ 80 އިންސައްތަ ގޭބިސީގައި ފެން ނެގުމުގެ ޒިންމާ އުފުލަންޖެހޭ ބަޔަކީ އަންހެނުންނާއި އަންހެން ކުދިން. މީގެ ސަބަބުން ގިނަ ފަހަރަށް ދިގު ދަތުރުތައް ކުރުމާއި ބަރުކޮށް އެއްޗެހި އުފުލުމާއި އަދި ބައެއް ހާލަތްތަކުގައި އަނިޔާގެ ނުރައްކާ އެމީހުންނަށް ކުރިމަތިވޭ. މިކަމަށް ހޭދަވާ ވަގުތުގެ ސަބަބުން އަންހެން ކުދިން ތައުލީމުން މަހުރޫމުވެ، އާމްދަނީ ހޯދުމުގެ ފުރުސަތުތައް އަންހެނުންނަށް މަދުވެގެންދޭ."

އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނާއި އަންހެން ކުދިން ކޮންމެ ދުވަހަކު 200 މިލިއަން ގަޑިއިރު ފެން ނެގުމުގައި ހޭދަކުރާ ކަމަށް ރިޕޯޓުތައް ބުނާކަމަށާއި
އެއްވެސް ހަމައެއްގައި މިކަން ރަނގަޅޫ ނޫންކަން ފާހަގަ ކުރެއްވި އެވެ. މިކަންކަމުން އަރައިގަންނަން މަސައްކަތްކުރަން ޖެހޭކަމަށް ވިދާޅުވި އެވެ.

"ސިޓީތަކުން ފެށިގެން ކުދި ޓައުންތަކާ ހަމައަށް، މި ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފެނުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަދާކުރަނީ ވަރަށް ނާޒުކު އަދި ނުހަނު ބޭނުންތެރި ދައުރެއް. އާ ޓެކްނޮލޮޖީތަކަށް އެކްސެސް ވުމުގައި ނުވަތަ ހުނަރު އިތުރުކުރުމުގައި މި ގްރޫޕަށް އެއްބާރުލުން ދިނުމަކީ ވަރަށް މުހިންމު ކަމެއް.
ފެނާއި ނަރުދަމާއާ ގުޅުންހުރި އިންފްރާސްޓްރަކްޗަރ އަދި ޚިދުމަތްތައް ބަލަހައްޓައި ތަރައްޤީކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުރިހާ ފަންތިއެއްގައި މަލްޓި-ސްޓޭކްހޯލްޑަރުންގެ އެއްބާރުލުން ބޭނުންވޭ."

އާއްމު މަޖިލީހުގެ ރައީސްގެ ތަގުރީރުގައި ފާހަގަ ކުރެއްވި އެވެ.

ފެނަކީ ހުރިހާ އެންމެންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވެފައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރެއްވި އެވެ. އަދި ފެނުގެ މައްސަލަތަކަށް ހައްލުތަކެއް ނުގެނެސް ތަޢްލީމަށާއި ވަޒީފާއަށާއި ޞިއްޙީ ޚިދްމަތަށް، ނޫނިއްޔާ ތިމާވެށްޓަށް އަޅުގަނޑުމެންނަށް އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބޭނެކަމަށް ވިދާޅުވެފައިވެއެވެ.