މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށް ކުރީ ސަރުކާރުގެ ދުވަސްވަރު ވެސް ބޭރުގެ ބޮޑެތި އެހީތަކެއް ލިބިގެން ދިޔަ ކަމަށާއި، ނަމަވެސް އެ ފައިސާއިން ވެސް ކުރީ ވައްކަން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ޝިފާޢު މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ މަޖިލިސް ޖަލްސާގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ދޫވަމުން ދާކަމަށް ބުނެ އިދިކޮޅު މެންބަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ބައިވެރިވެ ދެއްކެވި ވާހަކާގައެވެ.
ޝިފާޢު ވިދާޅުވީ، މަޖިލީހަށް ހުށަހެޅިފައިވާ މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ހަގީގަތުގައި ވެސް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅުއްވި މެންބަރު ގެ އިހްލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމަށް ޝިފާޢު ވިދާޅުވިއެވެ.
"ކުއްލި މައްސަލާގައި ތެދުވާހަކައެއް އެންމެ ފޮޅުވަތެއް ލިޔެފަ އޮތްނަމަވެސް ރަނގަޅު" ކަމަށް ވިދާޅުވެ އޭނާ ވިދާޅުވީ މިއަދު އޮޕޮޒިޝަންގައި ތިބި ބޭފުޅުންނަކީ މި ދިވެހިރާއްޖެ މަސްތުވާތަކެތީގެ ހާއްޔަކަށް ހަދަން ވަރަށް ބޭނުންވާ ބަޔެއް ކަމަށެވެ. \
އެވާހަކަ އެހެން ދަންނަވަނީ ރަނގަޅަށް އެކަން އެނގިވަޑައިގެން ހުންނަވާ ކަމަށާއި، ހެކިވެސް އެބަހުރި ކަމަށް ޝިފާޢު ވިދާޅުވިއެވެ.
ޝިފާޢު ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖެ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރައްވަން ގިނަ މަސައްކަތްތަކެއް ފައްޓަވައި، ގިނަ ފިޔަވަޅުތަކެއް އެޅުއްވި ކަމަށެވެ. ނަމަވެސް 7 ފެބްރުއަރީގެ ބަޣާވާތަށްފަހު އޭރު ސަރުކާރުން އެޅިފިޔަވަޅުތައް ހުއްޓުވާލިކަމަށް އޭނާ ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ދިރާސާކުރުމަށް ޕެޓިޝަން ކޮމެޓީން ކުރާ މަސައްކަތުގައި އެ ކޮމެޓީގެ މެންބަރެއްގެ ގޮތުން ބައިވެރިވެ، ހުޅުމާލޭގަ ހުންނާނެ ހާފްވޭ ހައުސްއަށް ކުރި ޒިޔާރަތެއްގައި އެތަނުގެ މުވައްޒަފަކު ހިއްސާ ކުރި ވާހަކަ ވިދާޅުވަމުން ޝިފާއު ވިދާޅުވީ، ހާފްވޭ ހައުސްއަށް ދިޔައިރުވެސް އެތަން ހުރީ ވީރާނާވެ ފުނޑުފުނޑުވެފައި ކަމަށެވެ. އޭރު އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން އެތަން ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން ދިޔަކަމަށެވެ.
"އޭރު އެތަން ހުޅުވުނުފަހުން 5 އަހަރެއްނުވޭ، އެތަނުގެ މުވައްޒަފަކު ބުނި މިތަން ހުޅުވަންވެގެން އައޭ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ދެން ތިމަންނަ ދެންނެވީމޭ މިތަނުން ވާރޭ ނިވަލެއް ނުވެއޭ، އަވި ދެންޏާ އަވިދެއޭ، އުމަރު ވިދާޅުވިކަމަށް އެ މުވައްޒަފު ބުނި ކޮންކަހަލަ ވާހަކައެއްހޭ ތިކައްކަނީ، ތީ ދައްކާކަހަލަ ވަހަކައެއްނޫނޭ" ޝިފާޢު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭރުވެސް ރާއްޖެ މަސްތުވާ ތަކެތިން ސަލާމަތްކުރުމަށް ބޭރުގެ ބޮޑެތި އެހީތައް ލިބިގެންދިޔަ ކަމަށެވެ.
"އެކަމަކު އޭރު ދިޔައީ އޭރުގެ ސަގާފަތާއެއްގޮތައް ވައްކަން ކުރަމުން، އެފައިސާއިން ދިޔައީ ވައްކަން ކުރަމުން ޖީބަށް އަޅަމުން" ޝިފާޢު ވިދާޅުވިއެވެ.
ޝިފާޢު ވިދާޅުވީ އޭރުވެސް ޓަނުންޓަނުން މަސްތުވާތަކެތި އެތެރެކުރަމުން ދިޔަ ކަމަށާއި، މަސްއޮޑިތައް ފުރުވީ ސީދާ ސަރުކާރުން ސްޕޮންސާކޮށްގެން ސަރުކާރުގެ ސެކިއުރިޓީއާއެއްކޮށް ކަމަށެވެ. އޭރު ޑިފެންސް މިނިސްޓަރެއްގެ ގޮތުން އިންޓެލެޖެންސްގެ ވެރިއަކަށް ހުންނެވީ މިހާރުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފް ކަމަށާއި، އެކަން ހިނގީ އޭނާއަށް އެނގިގެން ކަމަށް ވެސް ޝިފާއު ތުހުމަތު ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!