215 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 2 މީހަކު ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުންގެ ހިދުމަތުން ވިދާޅުވީ، މި މީހުންނަކީ ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 15 ވަނަ ދުވަހު އެ އިދާރާގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓެލިޖެންސް ޔުނިޔާއި، ރ. އަތޮޅު ޕޮލިހާއި، ފޮރިންސިކް ފުލުހުންނާއި އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ބަޔެއްކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރ. މަޑުއްވަރިއަށް ނިސްބަތްވާ ދެ މީހެކެވެ. އެއީ އެރަށު ފިނިފަރު، ޢަލީ ޝާކިރު (42އ) އާއި އެރަށު ފެހިއަލި، ނިމާލް ޢަބްދުލްޙާރިޘް (33އ) އެވެ.
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުން ކުރުމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި މި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅުރަށްރަށާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، މަސްތުވާތަކެތި ހޯދާފައިވަނީ ރ. އަތޮޅުގެ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައެވެ. މި އޮޕަރޭޝަންގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ވަނީ މިމަހުގެ 13 ވަނަ ދުވަހު 100 ކިލޯގެ މަސްތުވާ ތަކެތިވެސް އަތުލައިގެންފައެވެ. މިތަކެތި ހޯދާފައިވަނީ ފަޅުރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓައެވެ. މި މައްސަލާގައި ވަނީ 8 މީހަކު ބަންދުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!