ދިވެހި ފުލުހުން ހިދުމަތުގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މިގޮތުން ފުލުހުންގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ 16:00 ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ.

Ad
rt

މި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުޠުތަކަށް ބަލާއިރު، އެފަދަ މީހެއްގެނަމަ ގްރޭޑް 10 ގެ ފެންވަރު ހުރުން ނުވަތަ ފުލުހުންގެ ހިދުމަތަށް ބޭނުންތެރި ފަންނީ ދާއިރާއަކުން 3 މަހަށްވުރެ ކުރު ނޫން ކޯހެއް ފުރިހަމަކޮށް، އެކޯހުން ފާސްވެފައިވުން ހިމެނެއެވެ. އަދި މީލާދީގޮތުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށް ވެސް ވާންޖެހެއެވެ.

މިވަޒީފާއަށް ކުރިމަތިލާ މީހުންގެ ފިރިހެނެއް ނަމަ އެންމެ ކުރުވެގެން އިސްކޮޅުގައި 5 ފޫޓް 1 އިންޗި، އަންހެނެއް ނަމަ އިސްކޮޅުގައި 4 ފޫޓް 8 އިންޗި ހުންނަން ޖެހެއެވެ.

މީގެއިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.

މި ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ނުވުމާއި، ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހޭނެއެވެ.

ވަޒީފާއަށް މީހުން ހޮވުމުގައި ތައުލީމީ ގޮތުން މަތީ ސަނަދު ހާސިލްކޮށްފައިވާ ފަރާތްތަކަށާއި އަންހެން ކެންޑިޑޭޓުންނަށާއި ދިވެހި ފުލުޙުންގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސަރަހައްދަތަކު ތެރެއިން ޚިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް އިންސާނީ ވަސީލަތް ބޭނުުންވާ ސަރަހައްދުތަކާއި، ފުލުހުންގެ ޚިދުމަތް އަލަށް ޤާއިމުކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ވަޒީފާއަށް މީހުން ހޮވުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ އެޕްޓިޓިއުޓް ޓެސްޓުން ފާސްވުމާއި، ހަށިހެޔޮކަން ދެނެގަތުމަށް ދެވޭ ފިޒިކަލް ފިޓްނަސްއާ ފެތުމުގެ ޓެސްޓުން ފާސްވުމާއި، މެޑިކަލް އެގްޒަމިނޭޝަންއާއި ކުރެވޭ އިންޓަވިއުއާއި އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހެއެވެ.

މިވަޒީފާގައި ލިބޭ މުސާރައާއި އިނާޔަތްތަކަަށް ބަލާއިރު، ޕޮލިސް ކޮންސްޓަބަލުންނަށް އަސާސީ މުސާރައިގެ ގޮތުގައި 4،650 ރުފިޔާ އަދި ސާވިސް އެލަވަންސްގެ ގޮތުގައި 5,000 ރުފިޔާ ލިބެއެވެ. މީގެއިތުރުން ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 40 ޕަސެންޓާއި، ޔުނީފޯމް އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ލިބޭނެއެވެ. އަދި ޕްރޮފެޝަނަލް އެލަވަންސް އަދި ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެއެވެ.