ވާދޫ ކަނޑުން މީހަކު އޮޔާދަނިކޮށް ސަލާމަތްކޮށްފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ އެމީހާ ސަލާމަތްކުރީ ވާދޫ ކަނޑުގެ ތެރޭގައި ފަތަމުންދަނިކޮށް އެވަގުތު އެސަރަހައްދުން ދަތުރުކުރި ބަޔަކަށް ކަމުގައެވެ.

Ad
rt

އެމްއެންޑީއެފް އިން މިހާދިސާއާއިގުޅޭގޮތުން އިތުރަށް ވިދާޅުވީ، އެމީހާއަކީ އެކަނި ބޯވަ ނަގަން ގޮސްއުޅުނު މީހެއްކަމަށެވެ. އެމީހާ ސަލާމަތްކުރީ މާލޭ އުސްފަސްގަނޑާ ދިމާލުން އޮޔާދަނިކޮށްކަމަށެވެ.

މިހާދިސާގެ އިތުރުން މިއަދުވަނީ މާރުކޭޓު ބޭރުތޮށިމަތީ މަސްބާނަން ތިބި 2 މީހުންގެ ތެރެއިން އެކަކު ތޮށިމަތިން ބޭރަށް ވެއްޓިފަ އެވެ. މިހާދިސާގައި މޫދަށް ވެއްޓުނު މީހާ ވަނީ ސިފައިންގެ އެހީތެރިކަމާއެކު މޫދުން ނަގާ، ސީޕީއާރ ދީ، ޕޮލިހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލް އަށް ގެންގޮސްފައެވެ. ނަމަވެސް މިމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައެވެ.

"ވިސްނާލުމެއްނެތި ކުރާކަމަކުން ފުރާނައަށް ނުރައްކާވާ ހާލަތަށް ހުށަހެޅިގެންދިޔުމަކީ ނުހަނު ކައިރީގައިވާ ކަމެކެވެ. ވީމާ ތިމާއާ އަނެކާގެ ސަލާމަތާ ރައްކާތެރިކަމަށް ސަމާލުކަންދީ، ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސްކުރަން"

އެމްއެންޑީއެފްއިން ވިދާޅުވެފައިވެއެވެ.

މިދުވަސްވަރަކީ ވަރަށް ކަނޑުގަދަވެ ވިއްސާރަ ދުވަސްވަރަކަށްވުމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކާ އަދި ހަމައެހެންމެ ކަނޑާގުޅުންހުރި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުންވެސް ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދިނުމަށް ވަނީ ދަންނަވާފައެވެ.