ޚަލީލްގެ ކޮލަމް: ކުޑައިރު ކުޅުނު ކުޅިވަރުތަކުގެ ހަނދާން

ފޮޓޯ: އަބުދުﷲ ނާސިރު/ހަނިމާދޫ
ފޮޓޯ: އަބުދުﷲ ނާސިރު/ހަނިމާދޫ

ކުޑައިރު ކުޅެން އުޅުނު މަޖާ ދުވަސްތަކަކީ ހަނދާނުން ފިލައިދާނެ ދުވަސްތަކެއް ނޫނެވެ. ވެލިގަނޑާއި، ރުއްގަނޑާއި މޫދާއި ދަނޑުމައްޗާއި މަގުމަތީގައެވެ. އެއީ ހަޔާތުގައި ކޮންމެ މީހަކަށް ވެސް އަންނާނެ އެންމެ މަޖާ އަދި އެންމެ ހިތްހަމަޖެހޭ ދުވަސްތަކެވެ.

އެ ދުވަސްވަރު އުޅެމުންދިޔަ ކޮންމެ މާހައުލެއް އޮތީ އަމިއްލަ ވަންތަ ކުޅިވަރުތަކުން ފުރިފައެވެ. އެ މާހައުލަކާއި ގުޅޭގޮތަށް ބައްޓަންވެ ކުޅެމުން އަންނަ ކުޅިވަރުތައް އެހާމެ ގިނައެވެ. މި ކުޅިވަރުތަކުގެ ތެރޭގައި އެއްގޮތަކަށް ކުޅެއުޅުނު ނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ކުޅިވަރަކަށް ކިޔަމުން އަންނަ ނަންތަކުގައި ތަފާތުހުރެއެވެ.

މިއީ ނުވަދިހައިގެ އަހަރު ތަކުގައި ހަނިމާދޫ ކުޑަކުދިން، އެ ދުވަސްވަރު ކުޅެ އުޅުނު ބައެއް ކުޅިވަރުތަކެވެ. ރުއްގަނޑުގައި ނަމަ ފަން ނުވަތަ ބޮޑޭއެވެ. މޫދުގައި ނަމަ ބޯސާ، މަޑި ހިލިހިލި ނުވަތަ ފުއްޅޯއެވެ. ވެލިގަނޑުގެ ތެރޭގައި ނަމަ އަކުންބަކުން ނުވަތަ ފަސްފުންޏެވެ. ހޮޅުއަށީގައި ނަމަ އުނބުކާއްޓޯ ދެ ހޮޅުގަނޑޯ ނުވަތަ ހޯ އެވެ. ދަނޑުމަތީގައި ނަމަ ފަސްމުށި، މަސްގޮނޑި ނުވަތަ ޖަލެވެ. ހަނިމާދޫގެ އިތުރުން ތިލަދުންމަތީގެ އެހެން ރަށްރަށުގައި ވެސް އެދުވަސްވަރު މި ކުޅިވަރުތަކުގެ ތެރެއިން ގިނަ ކުޅިވަރުތައް ކުޅެއުޅެއެވެ.

ލ. ކަޅައިދޫގައި ކުދިން ކުޅެއުޅުނު ކުޅިވަރުތަކުގެ ތެރޭގައި އެސަނޑަމިސަނޑަ، ކޮށްޓަންގެ, ބޮނޑި، ފާންޑޯ، ބަޑި، މަޅަގަނޑުބޯޅަ، ބޮސް، ދަޅޯ، އައިސްވޯޓަރ، ހޯއްބެހޭއް، ގަނޑުހިލިހިލި، އަދި ފައިގަތަޅާ މައިގަނޑު ގޮތެއްގައި ހިމެނެއެވެ. މިއީ ހައްދުންމަތީ ކަޅައިދޫގައި އެއިރުގެ ޅަކުދިން ކުޅެއުޅުނު ކުޅިވަރުތަކެވެ. ނަމަވެސް މި ކުޅިވަރުތަކަށް ކިޔައިއުޅޭ ނަންތައް މި އަތޮޅުގެ އެހެން ރަށްރަށުގައި ތަފާތެއް ހުރެދާނެއެވެ. އެގޮތުން ފާންޑޯ އާއި ހިރި އަކީ އެއް ކުޅިވަރަކަށް މިއަތޮޅުގައި ބޭނުން ކުރާ ދެ ނަމެވެ.

މިއީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅާއި ހަމައަށް އއ. ތޮއްޑޫގައި ކުޑަކުދިން ކުޅެ އުޅުނު ބައެއް ކުޅިވަރުތަކެވެ. ފަން ކުޅުމާއި ހިރި ކުޅުމަކީ އެންމެ ފޯރީގައި ކުޅެ އުޅުނު ދެ ކުޅިވަރެވެ. ގޭދޮށުގަޔާއި އަތިރިމަތީގައި އަދި އެހެން ތަނަކުންވެސް ފަސްފުންޏެއް ފެނިއްޖެނަމަ ފަސްއޮށް ނުވަތަ އަކުންބަކުން ކުޅުން އޮވެއެވެ. ގެ ހިމެނޭ ކޮށި ވަށައިގެން ”އިސަނަ ބިސަނަ“ ކުޅުންވެސް އޮވެއެވެ. ”ޕަޗަސް“ އަދި ”ފިއްލި ފިއްލި“ ކުޅުމަކީވެސް ނުހަނު ފޯރިޔާއެކު ކުޅޭ ކުޅިވަރުތަކެވެ. ތިންމުގޯއްޔާއި ފަސްގާކޮޅު، ފައިގަތަޅާއާއި އަތްލައި ކުޅުންފަދަ ފޯރި ނެގޭ ކަހަލަ ކުޅިވަރުތައް އޭރުގައި ކުޅެ އުޅުނެވެ.

ބ. ފެހެންދޫގައި ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ކުދިން ކުޅެ އުޅުނު ކުޅިވަރު ތަކުގެ ތެރޭގައި ”ދޮންލުނބޯ“ އަކީ ގަހަށް އަރައިގެން ކުޅޭ ކުޅިވަރެކެވެ. އަދި އަރޯފުށޯ، ފަސްމުށި، ޕަޗަސް، އެލަނގަލަ މިލަނގަލަ، އައިސްވޯޓަރ، ގަނޑުހިލަހިލަ އަދި ބަތްގޮން މިއީ ރަށުތެރޭގައި ވަރަށް ފޯރިއާއެކު ކުޅެއުޅުނު ކުޅިވަރުތަކެވެ. މޫދުގައި އާއްމުގޮތެއްގައި ކުޅެއުޅެނީ ބޯދައްކާ އަދި އޮށްފޮރުވާ އެވެ.“

އެއީ ވާ ޒަމާނެކެވެ. ފޫހިވާނެ ހަމަ އެންމެ ވަގުތެއް ނޯވެއެވެ. މި ކުޅިވަރުތައް ކުޅުމަށް މާގިނަ އެއްޗެއް ވެސް ހޯދާކަށް ނުޖެހެއެވެ. ގިނަ ކުޅިވަރުތައް ބައްޓަންވެފައި ހުންނަނީ އެ މާހައުލެއްގައި ލިބެން ހުންނަ އެއްޗެއްސަށެވެ. އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހެއެވެ. އެކަމަށް ބޭނުންވާ އިތުރު ތަމްރީނެއް ވެސް ހަދާކަށް ނުޖެހެއެވެ.

ކުޅިވަރުތަކުގެ ނަންތައް ކިޔައިލުމުން އަދި އެ ކުޅިވަރު ތަކަކީ ކިހިނެއް ކުޅެއުޅޭ ކުޅިވަރުތަކެއް ކަން މިހާރުގެ ގިނަ ކުދިންނަށް ނޭނގޭނެކަން ހަމަ ޔަޤީނެވެ. އަޅުގަނޑުގެ އުންމީދަކީ މި ކުޅިވަރުތަކުގެ ތެރެއިން ބައެއް ކުޅިވަރުތައް ނަމަވެސް ކުޅެއުޅޭ ގޮތްތައް އެހެން ލިޔުމެއްގައި ކިޔުންތެރިންނަށް ގެނެސްދިނުމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.