އަނިޔާކޮށް ރަހުމުކުޑަ ގޮތަކަށް މަރާލެވިފައިވާ އޮއްވާ ފެނުނު އދ. ދަނގެތީ މޮނަލާޒް، އުމުރުން 57 އަހަރުގެ މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި އެރަށުން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މަހްމޫދުގެ މަރުގެ ތުހުމަތުގައި ބިދޭސީ ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރަކާއި އެކުގައިކަމަށެވެ.

Ad
rt

މަހްމޫދުގެ ހަބަރެއް ނުވެގެން ހޯދަންފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ހޯދަމުން ދަނިކޮށް ފެނުނީ އެ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

މަހްމޫދު ފެނުނީ ރަށުގެ މެދަށްވާ ގޮތަށް ހުންނަ އޭނާގެ މާމަގޭގެ ވަޅެއްގެ ތެރޭގައި އޮއްވަ އެވެ. ހަށިގަނޑު ފުރަތަމަ ފެނުނު މީހުން ބުނާ ގޮތުގައި, މަހުމޫދުގެ ފަޔާއި ބޮލުގައި ގޯނިތަކެއް އައްސާފައި ހުއްޓެވެ. އަދި ވަޅިއަކުން ހަމަލާދީ ވަރަށް އަނިޔާކޮށްފައި ވެސް ހުއްޓެވެ.

ދަނގެތިން ޝައްކު ކުރެވޭ ތަންތަން ބަލާ ފާސްކުރަމުން އަންނަ އިރު، ފުލުހުން ވަނީ އެރަށުގެ ނެދުންގެ ބަލައި ފާސްކޮށްފައެވެ. އެ ގޭގައި ދިރިއުޅެނީ އުމުރުން ދުވަސްވީ މީހަކާއި އޭނާ ބެލުމަށް އެ ގޭގައި އުޅޭ ބިދޭސީ އެކެވެ. ތުހުމަތުގައި ހައްޔަރުކުރީ އެ ބިދޭސީ މީހާއެވެ.

މަހްމޫދުގެ ޖަނާޒާ ބާއްވާފައި ވަނީ އިއްޔެއެވެ.