އަފްޤާނިސްތާނުގެ ކަންދަހާރުގެ މިސްކިތެއްގައި ހުކުރު ނަމާދު ވަގުތުގައި ބޮންތަކެއް ގޮއްވާލައިފިއެވެ.
ބޮންތައް ގޮއްވާލާފައިވަނީ މިސްކިތުގެ އެތެރޭގައިކަމުން މިހާތަނަށް 32 މީހުން މަރުވެފައިވާކަމަށާއި 45 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ކަންދަހާރު ޕްރޮވިންސްގެ ޕަބްލިކް ހެލްތް ސާވިސް އޮފިޝަލުންނާއި ހަވާލާދީ ބައިނައްލަޤްވާމީ ނޫސްތަކުގައި އަންނަނީ ބުނަމުންނެވެ.
ބޮން ގޮއްވާލާފައި މިވަނީ ޝިއާ މުސްލިމުން ނަމާދުކުރުމަށް ދާ ބީބީ ފާޓިމާ މިސްކިތުގައިކަމަށް ޚަބަރުތައް ބުނެއެވެ.
މަންޒަރުދުށް މީހުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ 3 ބޮމެއް މިސްކިތުގެ އެކި ސަރަޚައްދުތަކުގައި ގޮއްވާލާފައިވާކަމަށެވެ. އަދި މި ހާދިސާއާއި ބެހޭ ތަހުޤީގުތައްކޮށް ހަމަލާދިން މީހުން ހޯދައި ފިޔަވަޅު އަޅާނެކަމަށް ތާލިބާނުން އަންނަނީ ބުނަމުންނެވެ.
ފާއިތުވެދިޔަ ހަފްތާގައި އަފްގާނިސްތާނުގެ ކުންދުޒްގައިވެސް ވަނީ މިސްކިތަކަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއްދީފައެވެ. އަދި މި ހަމަލާދިންކަމަށް ބެލެވެނީ އަފްޤާނިސްތާނުގައި ހަރަކާތްތެރިވާ އައި.އެސް-ކޭގެ މީހުންކަމަށް ޚަބަރުތަކުގައި ބުނެފައިވެއެވެ.
އައި.އެސް.ކޭ އަކީ އިސްލާމިކް ސްޓޭޓް ކޮރޮސަން ޕްރޮވިންސްއެވެ. މިއީ އަފްޤާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!