އެމެރިކާގެ މަހުޖަނު އަދި މައިކްރޯސޮފްޓް ކުންފުނީގެ ބާނީ ބިލް ގޭޓްސްގެ ދޮށީ އަންހެން ދަރިފުޅުގެ ޖެނިފާގެ ކައިވެނި މާދަމާ ބާއްވާއިރު، ކައިވެނި ހަފްލާއަށް އެކަނިވެސް 2 މިލިއަން ޑޮލަރު ޚަަރަދުކޮށްފައިވާކަމަށް ބައިނައްލަޤްވާމީ ނޫސްތަކުގައި ބުނެފިއެވެ.
އުމުރުން 25 އަހަރުގެ ޖެނިފާ ކެތެރިން ގޭޓްސް އާއި މިސްރު ދަރިކޮޅުގެ ލޯބިވެރިޔާ، މިލިއަނަރެއްކަމަށްވާ 30 އަހަރުގެ ނަޔެލް ނައްސާރުގެ ކައިވެނި މާދަމާ ކުރުމަށް ހަމަޖެހިފައިވަނީ ވެންޗެސްޓަރގައި ހުންނަ 2018 ވަނަ އަހަރު ބިލް ގޭޓްސް ގަނެފައިވާ 16 މިލިއަން އެމެރިކާ ޑޮލަރުގެ 50 ހެކްޓަރުގެ ނޯތް ސެލަމް ހޯރސް ފާމްގައެވެ. ހޯސްފާމް އަކީ ދޮށީ ދަރިފުޅު ޖެނީފާއަށް ބިލް ގޭޓްސްއާއި އޭނާގެ އޭރުގެ އަންހެނުން މެލިންޑާގެ ފަރާތުން ދީފައިވާ ހަދިޔާއެކެވެ.
ބިލް ގޭޓްސްއާއި އާއިލާގެ ބައެއް މެމްބަރުންގެ އިތުރުން އޭނާގެ ކުންފުނީގެ ބައެއް މުވައްޒަފުންނާއި އެކު ޕްރައިވެޓް ޖެޓެއްގައި މެންހޭޓަންއަށް ދަތުރުކޮށް ކައިވެނި ކުރިއަށްދާ ނިއުޔޯކަށް ބިލް ގޭޓްސް ދަތުރުކޮށްފައިވަނީ ހެލިކޮޕްޓަރެއްގައެވެ.
ޖެނިފާއާއި ނައްސާރު އެންޖޭޖްވެފައިވަނީ މިދިޔަ 2020 ވަނަ އަހަރުގެ ޖެނުއަރީމަހުގައެވެ.
ދޮށީ ދަރިފުޅިގެ ކައިވެނީގައި ބައިވެރިވުމަށް ބިލް ގޭޓްސްގެ ކުރީގެ އަންހެނުން އަދި އޭނާގެ 3 ކުދިންގެ މަންމަ މެލިންޑާ ގޭޓްސް ނިއުޔޯކަށް ގޮސްފައިވަނީ ފާއިތުވި ހަފްތާގެ ތެރޭގައެވެ. އަދި އޭނާ އަންނަނީ ދަރިފުޅު ޖެނިފާއާއި އެކު ކައިވެނީގެ ކަންކަމުގައި ބައިވެރިވަމުންނެވެ.
ކައިވެނި ހަފްލާ އޮންނަ ފާރމް ހައުސްގައި ގިނަ އަދަދެއްގެ ބަޔަކު މަސައްކަތްކުރަމުން އަންނަކަމަށް ޚަބަރުތަކުގައި ބުނެފައިވެއެވެ.
މިކައިވެންޏަށް ދުނިޔޭގެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، މި ކައިވެނި ހަފްލާ ވައްތަރުވެގެން ދަނީ ޕްރިންސް ވިލިއަމް އަދި ކޭޓްގެ ކައިވެނި ހަފްލާއާއި ކަމަށް ފެންނަ ފޮޓޯތަކަށް ބަލައި ގިނަ ބަޔަކު ބުނަމުންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!