އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު މިދުވަސްވަރު އިތުރުވަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ހާމަކޮށްފިއެވެ.
އެޗް.ޕީ.އޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޮކްޓޫބަރުމަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން 11،008 ކޭސް ރިޕޯޓްކޮށްފައިވާކަމަށް މިއަދު އެއިދާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.
އަރިދަފުސް ރޯގާގެ އިތުރުން ފާއިތުވެދިޔަ މަސްތަކުގައި އިންފްލުއެންޒާއަށް ޕޮޒިޓިވްވާ އަދަދުވެސް އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އިންފުލުއެންޒާއަށް ޓެސްޓްކުރުމަށް ނެގުނު 432 ސާމްޕަލްގެ ތެރެއިން 192 ސާމްޕަލްއެއް ވަނީ ޕޮސިޓިވްވެފައެވެ. އަދި މިއަހަރުގެ މިހާތަނަށް އިންފުލުއެންޒާއަށް ޓެސްޓް ކކުރެވުނނު 1،198 ސާމްޕަލްގެ ތެރެއިން 365 ސާމްޕަލްވަނީ ޕޮސިޓިވްވެފައެވެ.
އިންފުލުއެންޒާއާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނާތީ، މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މިދުވަސްވަރުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ކޮވިޑް 19 އެކޭ އެއްފަދައިން އަރިދަފުސް ރޯގާ އަދި އިންފުލުއެންޒާ އަކީވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބައްޔެއްކަމުން، ކޮވިޑް 19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފޮޔަވަޅުތައް ކުރިއަށް ގެންދިއުމަށް ސަމާލުކަން ދިނުން މުހިއްމުކަމުގައި އެޗް.ޕީ.އޭއިން ބުނެފައިވެއެވެ.
އަދި އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް 5 އަހަރުން ދަށުގެ ކުދިންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ދިގު މުއްދަތަކަށް ފަރުވާދޭންޖެހޭފަދަ ބައްޔެއް ޖެހިފައިވާ މީހުންނާއި، މާބަނޑު މީހުން، ދިފާއީ ނިޒާމު ބަލިކަށި މީހުން، އަރިދަފުސް ރޯގާ، ހުން އަދި ކެއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސް ނުކުރައްވާ ޞިއްޙީ ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފައިވެއެވެ.
އަރިދަފުސް ރޯގާގެ އަލާމާތްތައް ފެންނަ ނަމަ ލަސްނުކުރައްވާ އޯ.ޕީ.ޑީއަށް ނުގޮސް ފްލޫ ކްލިނިކްއަށް ދިއުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. ބަލި ޖެހުމުން ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުންނަ އިންފުލުއެންޒާ ވެކްސިން އަދި ކޮވިޑް 19 ގެ ވެކްސިން ނުޖަހާނަމަ، ކޮވިޑް 19 ވެކްސިން ޖެހުމަށް އިސްކަން ދިނުމަށް އެޗް.ޕީ.އޭއިން ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!