ސައުތު އެފްރިކާގެ ކޭޕް ޓައުންއަށް ނިސްބަތްވާ އެންޑްރޫ ކޯޓްޒީ ނަމަކަށް މީހަކު ރާއްޖޭގެ ހޮސްޕިޓަލަކުން ކޯވިޑް-19 އަށް ފަރުވާ ހޯދުމަށްފަހު އެނބުރި އޭނާގެ ގައުމަށް ހިންގައްޖެއެވެ.
ރާއްޖޭގައި ހުއްޓާ ކޯވިޑަށް ޕޮޒިޓިވްވުމުން އެންޑްރޫ ވަނީ ރާއްޖޭގެ ހޮސްޕިޓަލެއްގައި 65 ދުވަސް ހޭދަކޮށްފައެވެ. އަދި އޭނާގެ ހާލު ގޯސްވެ ކޯމާއަކަށް ވެސް ދިޔައެވެ.
އެންޑްރޫ އޭނާގެ އަމިއްލަ ރަށް ކަމުގައިވާ ދެކުނު އެފްރިކާގެ ހުޅަނގުދެކުނު އައްސޭރިފަށުގައި އޮންނަ ކޭޕްޓައުން ދިޔުމަށް އަނބުރާ ގައުމަށް ދިޔައިރު އޭނާއާއި ބައްދަލުކުރުމަށް އާއިލާގެ މީހުން ތިބީ އެއާޕޯޓަށް ގޮހެވެ.
އެއާޕޯޓްގައި ހުރެ ބައިނަލްއަގްވާމީ ނޫހަކަށް އެންޑްރޫގެ އަންހެނުން އެވްރިލް ކޯޓްޒީ ދީފައިވާ މަޢުލޫމާތުތަކުގައި ބުނީ އެންޑްރޫ ރާއްޖެ ގޮސްފައިވަނީ ސައޫދީ އަރަބިޔާއިން ޑައިވިންގ ޓެކްނީޝަނެއްގެ ވަޒީފާ ހަމަޖެހިގެން ސައުދީއަށް އެތެރެވުމަށް 2 ހަފްތާގެ ކަރަންޓީން ފުރިހަމަ ކުރުމަށް ކަމަށެވެ.
ސައޫދީއަށް އެތެރެވުމަށް 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރުމަށް އެންޑްރޫ ރާއްޖެ އައިސްފައިވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.
އެންޑްރޫގެ އަންހެނުންނާއި ހަވާލާދީ އެ ނޫހުން ހާމަކޮށްފައިވާ ގޮތުގައި ވެކްސިން ނުޖަހާ އެންޑްރޫ ފުރަން ޖެހުނީ އޭނާގެ އުމުރުގެ މީހުންނަށް އެދުވަސްވަރު ކޭޕް ޓައުންގައި ވެކްސިންގެ ޑޯޒްތައް ދިނުން ފަށާފައިނުވާތީ ކަމަށެވެ.
ކޯވިޑަށް ޕޮޒިޓިވްވެ ހާލު ގޯސްވުމުން އެންޑްރޫ ރާއްޖޭގެ ހޮސްޕިޓަލެއްގައި އެނދުމަތި ކުރަންޖެހުނީ ކަމަށާއި، އެ ހޮސްޕިޓަލުން އޭނާއަށް ގުޅައި އެންޑްރޫގެ ހާލު ވަރަށް ސީރިއަސްކަމަށް ބުނެފައިވާކަމަށް އެންޑްރޫގެ އަންހެނުން ވަނީ ބުނެފައެވެ.
އިތުރަށް އެންޑްރޫގެ އަންހެނުން ބުނެފައިވާ ގޮތުގައި އެންޑްރޫއަށް ފުރަތަމަ ކޯވިޑާއިއެކު ނިއުމޯނިއާ ޖެހިގެން ރާއްޖޭގެ ހޮސްޕިޓަލެއްގައި 3 ހަފްތާ ވަންދެކަށް ފަރުވާދީފައިވެއެވެ. ކޯވިޑް ބަލީގައި އޭނާގެ ހާލު ސީރިއަސްވެ ހަފްތާއެއް ވަންދެކަށް ކޯމާއަކަށްވެސް ވަނީ ގޮސްފައެވެ. އަދި ކޯމާގައި އޮވެ އެންޑްރޫއަށް ސްޓްރޯކެއް ޖެހި ކަނާތު އަތް ޕެރެލައިޒް ވެގެން ރިހިބިލިޓޭޝަން ފަރުވާ އޭނާއަށް ބޭނުންވާކަމަށް ބުނެ އޭނާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން އަންހެނުނަށް އަންގާފައިވާކަމަށް ބުނެފައިވެއެވެ.
އެންޑްރޫ އޭނާގެ އާއިލާއާއި އެއާޕޯޓުން ބައްދަލުވި އުފާވެރި ވަގުތުކޮޅު
އެންޑްރޫ މަޢުލޫމާތުދީފައިވާ ގޮތުގައި އޭނާ އާއި އެކު ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުންދިޔަ ވޯޑުގެ ގިނަ މީހުން އެބަލީގައި މަރުވެގެން ގޮސްފައިވާކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް އޭނާ ހާމަކޮށްފައިވެއެވެ. އަދި މާލޭގައި އޭނާއަށް ފަރުވާދިން ހޮސްޕިޓަލަގެ ބިލްތަކަށް އަރާފައިވާ 200،000 ސައުތު އެފްރިކާ ރޭންޑް ނުވަތަ (13،523 އެމެރިކާ ޑޮލަރު) ދެއްކުމުން ނޫނީ އޭނާއަށް އެނބުރި އޭނާގެ ޤައުމަށް ނުދެވޭނެކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށް އެންޑްރޫ ވަނީ ހާމަކޮށްފައެވެ.
އެންޑްރޫގެ އަންހެނުން ބުނެފައިވާ ގޮތުގައި އޭނާ މާލޭގެ ހޮސްޕިޓަލާއި ވާހަކަ ދައްކައިގެން 15،000 ރޭންޑް ނުވަތަ (1،014 އެމެރިކާ ޑޮލަރު) އޮކްޓޫބަރު މަހު ދެއްކުމަށްފަހު، ބާކީ ބައި ފަހުން ދެއްކުމަށް އެއްބަސްވުމާއި ގުޅިގެން އެޑްރޫ ހޮސްޕިޓަލުން ދޫކޮށްލާ މިހާރު އޭނާ ވަނީ އޭނާގެ ޤައުމަށް އެނބުރި ގޮސްފައެވެ. އަދި ބާކީ ފައިސާ ދެއްކުމަށް ރާއްޖޭގެ ހޮސްޕިޓަލުން އެމީހުންނަށް ދީފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތެއްކަމަށް އެންޑްރޫގެ އަންހެނުންނާއި ހަވާލާދީ ނިއުސް 24 ގައި ބުނެފައިވެއެވެ.
ރާއްޖޭގެ ހޮސްޕިޓަލަށް އެންޑްރޫ ދައްކަން ޖެހޭ ދިވެހި ފައިސާގެ އަދަދަކީ 208،930 ދިވެހި ރުފިޔާއެވެ. މިހާތަނަށް އެންޑްރޫގެ އާއިލާއިން ދައްކާފައިވަނީ 15،666 ދިވެހި ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!