މީގެ އަހަރުތަކެއް ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރު މަރާލި މައްސަލާގައި އޭނާއަށް ހަމަލާދިން ޝަހުމް އާދަމް މެރުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މީގެއިތުރުން ހައި ކޯޓުން ވަނީ އަހްސަން މަރާލުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެ، ހަސަން ޝިމާޒް މުހައްމަދު ސުވާދު 15 އަހަރަށް ލުމަށް ހުކުމް ކޮށްފައެވެ.
މިމައްސަލާގައި، ހައި ކޯޓުން މިގޮތައް ހުކުމްކުރިއިރު، މި ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް 2014 ވަނަ އަހަރުގެ ނޮވެމްބަރު 20 ގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށް އެ މައްސަލާގައި ދައުލަތުން ޝަހުމްގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. ޝިމާޒުގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
ހައި ކޯޓުން މިދިޔަ ހަފުތާގައި ވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް މައްސަލަ ނިންމާފައިވާއިރު، ޝަހުމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވިއިރު، ޝިމާޒްގެ މައްޗަށް ސާބިތުވީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިިވުމުގެ ދައުވާ ވަނީ ސާބިތުވާ ކަމަށް ނިންމާފައެވެ.
ޝަހުމް މިހާރު ވެސް ގެންދަނީ 2010 ވަނަ އަހަރު ޔޫތު ސެންޓަރު ކައިރީގައިި އޮތް ފުޓްބޯޅަ ދަނޑެއްގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން މަރުވި މައްސަލާގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ތޫނު އެއްޗަކުން އަހްސަންގެ ކަރަށް ހަމަލާދީ މަރާލީ މަޖީދީމަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުން އޭނާ ހިނގާފައި ދަނިކޮށް މާޗް 16، 2011 ވަނަ އަހަރު އެވެ. އަހްސަނަށް ހަމަލާދިނުމުން އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން އެރޭ މެންދަމު 3:30 ހާއިރު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!