ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ)ގެ ޤައުމުތަކުގެ ލިސްޓުން ޕޮލެންޑް ބޭރުކުރުމަށް އެ ގައުމުގެ ސްޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން ޕޮލެންޑްގެ 100،000 އަށް ވުރެ ގިނަ މީހުން މަގުތަކަށް ނިކުމެ ކުރަމުން އަންނަ މުޒާހަރާތައް ހޫނުވެއްޖެއެވެ.
ޕޮލެންޑްގައި ކުރިއަށްދާ މުޒާހަރާތައް ފަށާފައި ވަނީ، ޕޮލެންޑްގެ ވެރިކަން ކުރާ ޕާޓީގެ ސިޔާސަތުތަކާއި އީ.ޔޫއިން ހަދާފައިވާ ޤަވައިދުތަކާއި ފުށުއަރާކަމަށް ބުނެ، 27 ޤައުމު ހިމެނޭ އީޔޫގެ ޤައުމުތަކުގެ ލިސްޓުން ޕޮލެންޑް ބޭރުކުރުމަށް އެ ގައުމުގެ ސްޕްރީމް ކޯޓުން ނިންމި ނިންމުމާއި ގުޅިގެންނެވެ.
އީ.ޔޫއިން ހަދާފައިވާ ބައެއް ޤަވާއިދުތަކާއި ޕޮލެންޑްގެ ސަރުކާރުން ޚިލާފުވެފައިވާކަމަށްބުނެ އެ ގައުުމުގެ ސްޕްރީމް ކޯޓުން ނިންމާފައިވަނީ ޕޮލެންޑް ޔޫރަޕިއަން ޤައުމުތަކުގެ ޔޫނިއަންއިން ބޭރުކުރުމަށެވެ. މިކަމާއި ގުޅިގެން ޕޮލެންޑްގެ ބޮޑު ވަޒީރު ކޯޓަށް ހާޒިރުކޮށް ސުވާލުކުރުމަށް ނިންމުމާއި އެކު ސަރުކާރުން ވަނީ ޖުޑީޝަރީއަށް ނުފޫޒު ފޯރުވައި ބާރުގެ ބޭނުންކުރުމަށް މަސައްކަތްކޮށްފައެވެ.
މިކަމާއި ގުޅިގެން ޔޫއަޕިއަން ކޮމިޝަނުންވަނީ މި އަމަލު ކުށްވެރިކޮށްފައެވެ. ޕޮލެންޑް ސަރުކާރުގެ މިއަމަލު ކުށްވެރިކުރައްވާ، މިއީ އީ.ޔޫ އިން ހަދާފައިވާ ޤަވައިދުތަކާއި ޚިލާފަށް ޕޮލެންޑްގެ ސަރުކާރުން ކުރަމުން އަންނަ ކަންތައްތައް އިސްލާހުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަސަރުކުރާނެކަމެއްކަން ފާހަގަކޮށް ކޯޓަށް ނުފޫޒު ފޯރުވުމަކީ ކަންބޮޑުވާކަމެއްކަމަށް ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑި ލެޔެން ވިދާޅުވެފައިވެފައިވެއެވެ. އަދި މިއީ އީ.ޔޫގެ ޤައުމެއްގެ ލީޑަރަކު މިހާ ހާމަކަން ބޮޑު ގޮތެއްގައި ކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ފުރަތަމަ ފަހަރުކަންވެސް އެ ޔޫނިއަންއިން ފާހަގަކޮށްފައިވެއެވެ.
ޔޫރަޕިއަން ޔޫނިއަންގެ ޤައުމެއްގެ ގޮތުގައި ޕޮލެންޑް އޮތް އޮތުން ބާތިލްކޮށް ކޯޓުން ކޮށްފައިވާ ހުކުމާއި ގުޅިގެން ޕޮލެންޑްގެ 100 އަށްވުރެ ގިނަ ޓައުނުގައާއި ސިޓީތަކުގައި މުޒާހިރާތައް ކުރިއަށްދާއިރު، ޕޮލެންޑްގެ ވެރިރަށް ވަރްސޯގެ މަގުތަކުގައި ގިނަ ބަޔަކު އެއްވެފައިވެއެވެ. އަދި ބޭރުގެ ބައެއް ޤައުމުތަކުގައިވެސް މުޒާހިރާކުރާތައް ކުރަމުން އަންނަކަމަށް މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުން ބުނެފައިވެއެވެ.
ޕޮލެންޑްގައި ކުރިއަށްދާ މުޒާހަރާތަކާއި ގުޅިގެން އެޤައުމުގެ ބޮޑު ވަޒީރު މެތިއުޒް މިރަވިއޭޗީ ފޭސްބުކްގައި ލިޔުއްވާފައިވާ ގޮތުގައި، މިއީ އިދިކޮޅު ޕާޓީއިން ރާވައިގެން ހިންގާ ހަރަކާތްތަކެއްގެ ގޮތުގައި ވަނީ ތުހުމަތުކޮށްފައެވެ. އަދި މިގޮތައް މުޒާހަރާތައް ކުރިއަށްގެންދާނަމަ، އީ.ޔޫގެ ޒިންމާދާރު ޤައުމެއްގެ ގޮތުގައި ޕޮލެންޑް އޮތް އޮތުމަށް ބުރޫ އަރައި މިކަމުގެ ނޭދެވޭ އަސަރު އެޤައުމަށް ކުރާނެކަމަށް ބުނެފައިވެއެވެ.
ޔޫރަޕިއަން ކޮމިޝަންގެ އިންޑަސްޓްރީ ޗީފް ތިއެރީ ބްރެޓަން ވިދާޅުވެފައިވާ ގޮތުގައި، ކޯޓުން ޕޮލެންޑްގެ މެމްބަރުކަން ބާތިލްކުރުމަށް ނިންމަފާނެކަމަށް ހީނުކުރާކަމަށް ވިދާޅުވެފައިވެއެވެ. އަދި ކޮމިޝަނުން ކުރިންވެސް ބުނެފައިވާ ގޮތަށް އީ.ޔޫގެ ޤަވައިދުތަކާއި އެއްގޮތަށް ޕޮލެންޑާއި މަޝްވަރާތައް ބާއްވައިގެން ކަންތައްތައް ރަގަޅުކޮށް ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދިއުމަށް މަސައްކަތްކުރާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.
އީ.ޔޫގެ ގިނަ މެމްބަރުންގެ ވޯޓުގެ ނަތީޖާ ބުރަވަނީ ޕޮލެންޑްއާއި އެއްކޮޅަށްކަމަށް ވޯޓުގެ ނަތީޖާތައް ދައްކާއިރު، އާދިއްތަ ދުވަހާއި ހަމައަށް މި ނަތީޖާ ޕޮލެންޑްގެ ކޮޅަށް ބުރަވެފައިވާއިރު، އިދިކޮޅު ޕާޓީގެ އެކްޓިވިސްޓުން އަންނަނީ ޕޮލެންޑްގެ މަގުތަކުގައި މުޒާހަރާކުރަމުންނެވެ.
މިހާރު ޕޮލެންޑްގައި ކުރިއަށްދާ މުޒާހިރާތަކުގައި ޔޫރަޕިއަން ޔޫނިއަން ކައުންސިލްގެ ކުރީގެ ރައީސް އަދި ޕޮލެންޑްގެ އިދިކޮޅު ޕާޓީ ސިވިސް ޕްލެޓްފޯމްގެ ލީޑަރު ޑޮނަލްޑް ޓަސްކު ވަނީ ބައިވެރިވެވަޑައިގެން އީ.ޔޫގެ މެމްބަރު ޤައުމެއްގެ ގޮތުގައި ޕޮލެންޑް އޮތުމަށް ބާރު އަޅައި މުޒާހިރާގެ ބައިވެރިންނަށް ހިތްވަރުދީފައެވެ.
ޕޮލެންޑްގެ ސްޕްރީމް ކޯޓުގެ އެންގުމާއި ގުޅިގެން، ޔޫރަޕިއަން ޔޫނިއަން އިން ޕޮލެންޑް ވަކި ކުރުމާއި ބެހޭ ގޮތުން އެ އިއްތިހާދުން ގޮތެއް ނިންމަން ހަމަޖެހިފައި ވަނީ އަންނަ ހަފްތާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!