އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭ.އޭ.އޭ) ގައި އަންނަ ޑިސެމްބަރު މަހު އަލުން ކިޔައިދޭން ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޭ.އޭ.އޭ ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމާއި ގުޅޭގޮތުން ބޭއްވެވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރާއި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނާއި، އައިލެންޑް އޭވިއޭޝަންގެ ބޭފުޅުން އަދި ސިވިލް އޭވިއޭޝަންގެ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުކުރެއްވުމުގައި، ދަރިވަރުން ވަނީ މިދިޔަ ޙަފްތާ ބުރާސްފަތި ދުވަހު ރައީސަށް ހުށަހެޅުއްވި ސިޓީއަށް މިހާ އަވަހަށް އިޖާބަ ދެއްވީތީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން އެދަރިވަރުންނަށް ދިމާވެފައިވާ ކަންކަމަށް ޙައްލު ހޯދުމަށް ހުރިހާ އިދާރާއަކަށް ދިޔަކަމަށާއި، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްފައިވީ ނަމަވެސް މިހާތަނަށް އެއްވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާކަން އެ ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ.
މިބައްދަލުވުމުގައި އެ ދަރިވަރުން ވަނީ ފްލައިން ސްކޫލްގެ ކިޔެވުން ހުއްޓިފައިވާތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމަށާއި، ރީފަންޑް ނުލިބުމާއި، އަލުން ކިޔެވުން ފެށޭނެ ދުވަހެއް ނޭންގުމުގެ ސަބަބުން އެ ދަރިވަރުންނަށް ދިމާވަމުންދާ މާލީ، ނަފްސާނީ އަދި ވަގުތުގެ ގޮތުން ދިމާވާ ދަތިތައް ރައީސް ޞާލިޙާއި ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވިގޮތުގައި މިކަމަށް ޙައްލެއް ހޯއްދެވުމުގެ ގޮތުން އައިލެންޑް އޭވިއޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއިން ގުޅިގެން ޖޮއިންޓް ވެންޗަރ ކުންފުންޏެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށާއި، މި ޖޮއިންޓް ވެންޗަރ ކުންފުނީގެ ދަށުން ރާއްޖޭގައި ހިންގާ ފްލައިންގ ސްކޫލް ހިންގާނީ ޕްރޮފެޝަނަލް ޔޫރަޕިއަން ފްލައިން ސްކޫލަކުން ކަމުގައެވެ. އަދި، މި ފްލައިން ސްކޫލްގައި ކިޔަވާދިނުމަށް ބޭނުންވާކަންކަން ފުރިހަމަކޮށް ޑިސެންބަރުމަހުގެ ތެރޭގައި ކިޔެވުން ފެށުމުގެ މަސައްކަތްތައް ކުރިޔަށްދާނެކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ދަރިވަރުންނަށް ދިމާވެފައިވާ މާލީ ދަތިތައް ޙައްލުކޮށްދެއްވުމަށް ޓޮޕްއަޕް ލޯން ތަކެއް ދިނުމާއި، މިކަމުގައި އިތުރަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބެއްލެވުމަށްފަހު އެކަންކަން ޙައްލުކޮށްދެއްވާނެކަމުގައި ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!