ކޮރޯނާ ވައިރަސްއަކީ ޗައިނާގެ ފަރުބަދަ މަތީ ހޮހޮޅަތަކުގައި އުޅޭ ވާލުތަކުގެ ބަނޑުން އާލާވެ 2012 ވަނަ އަހަރުން ފެށިގެން އެތަނުގައި ތިބި 6 މީހުންގެ ފުށުން ފެތުރުނު ބައްޔެއް ނޫންކަމަށް ފްރެންޗް އެގްރިކަލްޗަރަލް ރިސަރޗް ސެންޓަރ ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓްއިން ހަދާފައިވާ ދިރާސާއަކުން ދައްކައިފިއެވެ.
ކޮރޯނާ ވައިރަސް އުފަންވެފައިވަނީ ޗައިނާގެ މޮއިޖިންގް ފަރުބަދައިގެ ހޮހޮޅައިގައި ތާށިވެފައިތިބި 6 މީހުންގެ ގައިން ނެގި ސޭމްޕަލްތައް ވޫހާންގެ ލެބަށް ފޮނުވައިގެން ހެދި ތަހުލީލްތަކުގެ ސަބަބުންކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަ އިރު، ހޮހޮޅައިން ނަގާފައިވާ ސާމްޕަލްތައް ދައްކަނީ ކޮރޯނާ ވައިރަސްއަކީ ހޮހޮޅައިގައި ތިބި މީހުންގެ ފަރާތުން ފެތުރިފައިވާ އެއްޗެއް ނޫން ކަމަށް ސައިންސްވެރިން އަންނަނީ ބުނަމުންނެވެ.
އަދި ދުނިޔޭގެ ސަމާލުކަން ވޫހާންގެ ލެބޯޓްރީއަށް ހުއްޓިފައިވާ މިދަނޑިވަޅުގައި ފްރާންސްގެ ރިސަރޗް ޓީމްގެ މި ދިރާސާތައް ބުނާ ގޮތުންނަމަ، ހޮހޮޅައިން ނަގާފައިވާ ސާމްޕަލްތައް ސީދާ ވޫހާންގެ ލެބަށް ގެންގޮސް ވަނީ ތަހުލީލްތައް ކުރެވިފައެވެ.
ވޫހާންގެ ލެބޯޓްރީއަށް ގެންދެވުނު ފްލޫ ޖެހުނު މީހުންގެ ޓެސްޓްތައް ދައްކާ ގޮތުންނަމަ އެކަކުގެ ގައިން ނަގާފައިވާ ސާމްޕަލްގެ ތަހުލީލްތައް ދައްކާ ގޮތުންނަމަ 97 އިންސައްތަ ކޮވިޑްގެ ވައިރަސްގެ އަލާމާތްތަކާއި އެއްގޮތްކަމަށް ދައްކައެވެ. އަދި ހޮހޮޅައިގައި ތިބި މީހުންނަށް ޖެހިފައިވަނީ ކޮވިޑްގެ ކުރީގެ ވައްތަރެއްކަމަށާއި، މިހާރު މުޅި ދުނިޔޭގައި ދައުރުވަމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސްއަކީ ވޫހާންގެ ލެބުން ހަދަމުން އައިސްފައިވާ ފްލޫ ޖެހުނު މީހުންގެ ތަހުލީލްތަކުން ލީކްވެފައިވާ ވައިރަސް އެއްކަމަށް ބުރަވެވޭކަމަށް ފްރާންސްގެ ދިރާސާގައި ހާމަކޮށްފައިވެއެވެ.
މީގެ ސަބަބެއްކަމަށް ފްރާންސްގެ ރިޕޯޓްގައި ބުނެފައިވަނީ، ހޮހޮޅައިން ބަލި ވި މީހުންގެ ފަރާތުން އެމީހުންނަށް އެހީތެރިކަން ފޯރުވައިދިން ޞީއްޙީ ފަރުވާދޭ އެއްވެސް މީހަކަށް ބަލި ޖެހިފައިނުވުން ކަމަށް ފާހަގަކޮށްފައިވެއެވެ.
އެންމެ ހައިރާން ކުރުވަނިވި ކަމެއްގެ ގޮތުގައި ފްރާންސްގެ ޓީމުން ފާހަގަކޮށްފައިވަނީ 2012 އިން ފެށިގެން 2019 އަށް 7 އަހަރުގެ ތެރޭގައި ހޮހޮޅައިގައި ފްލޫ ޖެހުނު މީހުންގެ ތެރެއިން ބަލިވި 3 މީހަކު ނިއުމޯނިއާ ޖެހިގެން މަރުވެފައިވާއިރު، 18 މަސް ދުވަހުގެ ތެރޭގައި މުޅި ދުނިޔެއިން ކޮރޯނާ ވައިރަސް ޖެހިގެން 200 މިލިއަން މީހުން މަރުވެ 400 މިލިއަން މީހުން ކޮވިޑް 19 އަށް ފަރުވާ ހޯދަމުންދާ ދިއުމެވެ.
މި ހުރިހާ ކަމެއް ބުރަވަނީ މިއީ މޮއިޖިންގް ހޮހޮޅައިގައި އުޅޭ ވާލުގެ ސަބަބުން އުފެދިފައިވާ ވައިރަސްއެއް ނޫންކަމަށާއި، ޖަނަވާރެއްގެ ސަބަބުން މިހާ ނުރައްކާތެރި ބައްޔެއް ފެތުރިދާނެކަމާއި މެދު ފްރާންސްގެ ދިރާސާއިން ބުރަ ނުވެވޭކަމަށް އެފަރާތުން ހާމަކޮށްފައިވެއެވެ.
ހޮހޮޅައިގައި ތިބި 6 މީހުންގެ ގައިން ފެނިފައިވާ އަލާމާތްތަކާއި ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ ގައިން ފެންނަ އަލާމާތްތަކުގައި އެއްގޮތް ކަމެއް ހުރިކަން އެމީހުންނަށް ފަރުވާދީފައިވާ ހޮސްޕިޓަލްގެ ރެކޯޑްތަކުން ދައްކާކަމަށް ފްރާންސްގެ ރިސަރޗް ޓީމުން ފާހަގަކޮށްފައިވެއެވެ.
ޔުނިވަރސިޓީ އޮފް އީސްޓް އަންގްލިއާގެ ބައޮލޮޖިސްޓް ޕްރޮފެސަރ ޑޭވިޑް ލިވެމޯރ "މެއިލް އޮންލައިން"އަށް ދެއްވާފައިވާ މަޢުލޫމާތުގައި ޕްރޮފެސަރ ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، މޮއިޖިންގް ހޮހޮޅަ ހުންނަނީ ޗައިނާގެ ދެކުނުގައިކަމަށާއި އެތަނުގައި ތިބި މީހުންގެ ފަރާތުން ނުވަތަ އެތަނުގައި ދިރިއުޅޭ ވާލުގެ ފުށުން މި ބަލި އިތުރު ބަޔަކަށް ޖެހިފައިވާކަން ރިޕޯޓްކުރެވިފައިނުވާއިރު، ކޮރޯނާ ވައިރަސް ޖެހިގެން އެންމެ ފުރަތަމަ ރިޕޯޓްކުރެވިފައިވަނީ ވޫހާން އިން ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މިއީ ޖަނަވާރެއްގެ ފުށުން ގުދުރަތީ ގޮތުން އުފެދުނު ވައިރަސްއަކަށް ވުން އެކަށީގެންވާ ނަމަ، ލެބަކުން ވެސް ވައިރަހެއް އުފެދި ލީކްވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ޕްރޮފެސަރު ހާމަކޮށްފައިވެއެވެ.
ނަމަވެސް ފްރާންސްގެ ރިސަރޗް ޓީމުން ކޮށްފައިވާ ދިރާސާތަކާއި ތަހުލީލްތައް ދައްކާ ގޮތުން ނަމަ ކޮރޯނާ ވައިރަސް އުފެއްދުމަށް މޮއިޖިންގ ހޮހޮޅައިން ފެނުނު ވާލުގެ ޖަރާސީމު ނުވަތަ އާރް.އޭ.ޓީ.ޖީ.ވަން.ތްރީ ބޭނުންކޮށްފައިނުވާކަމަށް ބުނެފައިވެއެވެ.
އާރް.އޭ.ޓީ.ޖީ.ވަން.ތްރީ އަކީ އާންމުކޮށް ވާލު ފަދަ ޖަނަވާރުން ފެންނަ ވައިރަސްއެއް ނަމަވެސް ކޮރޯނާ އަކީ މި ވައިރަސްގެ ސަބަބުން އުފެދިފައިވާ އެއްޗެއްކަމަށް ބުރަ ނުވެވޭކަމަށް ފްރެންޗް އެގްރިކަލްޗަރަލް ރިސަރޗް ސެންޓަރ ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓްއިން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވެއެވެ.
މޮއިޖިންގް ހޮހޮޅައާއި މެދު ސުވާލުތައް އުފެދިފައިވާއިރު، އެތަނަށް ޒިޔާރަތްކޮށް ކޮރޯނާ ވައިރަސްއާއި ބެހޭ އިތުރު ތަޙުލީލްތައް ކުރުމަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ސައިންސްވެރިން އެދެމުން އަންނަ އިރު، އެ ހޮހޮޅަ ބަލަހައްޓަމުން އަންނަ ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ދަނީ މިކަމަށް ހުރަސްއަޅަމުންކަމަށް ސައިންސްވެރިންނާއި ހަވާލާދީ ބައިނައްލަޤްވާމީ ނޫސްތަކުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!