ބޭސް ފަރުވާ ކުރުމަށް އިންޑިއާއަށް ދިއުމަށް ބޭނުންވާ ދިވެހިންނަށް ވިސާ ހޯދުމަށް ކުރިމަތިވަމުން އަންނަ ތަކުލީފުތައް އެނގިވަޑައިގަންނަވާކަމަށާއި، އެކަމަށް ވަރަށް އަވަހަށް ހައްލެއް ލިބޭނެ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޝާހިދު ވިދާޅުވީ، ކޯވިޑްގެ ސަބަބުން އިންޑިއާ ބަންދުކޮށްފައި އޮތުމުން ދިވެހިންނަށް މިހާރު ވިސާ ދެމުން އަންނަނީ އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވާ ޚާއްސަ އުސޫލެއްގެ ދަށުން ކަމަށެވެ.

Ad
rt

ދިވެހިންނަށް ވިސާ ހޯދުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އިންޑިއާ ސަރުކާރާއެކު ކެނޑިނޭޅި މަޝްވަރާތައް ކުރެވެމުން އަންނަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު ކުރިމަތިވެފައިވާ އުނދަގޫތަކަށް ހައްލެއް ހޯދުމަށް އަޅުގަނޑު މި އަންނަނީ މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރާއި ވާހަކަދައްކަވަމުން. ވަރަށް އަވަހަށް ޙައްލެއް ލިބޭނެކަމަށް ޔަޤީން ކުރަން" ޝާހިދު ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން އިންޑިއާއަށް އެތެރެވުމަށް ދިވެހިންނަށް އޮން އެރައިވަލް ޓުއަރިސްޓް ވިސާ ދިނުން ހުއްޓާލާފައިވާއިރު، މިހާރު ދިވެހިންނަށް އިންޑިއާއަށް އެރުމަށް ދެމުން އަންނަނީ މެޑިކަލް ވިސާގެ އިތުރުން ބިޒްނަސް ވިސާއެވެ.

ކޮންމެހެން ބޭސްކުރުމަށް ރާއްޖެއިން ބޭރަށް ފުރަން ޖެހޭ ދިވެހިންނަށް މެޑިކަލް ވިސާ ދުކުރަމުން އަންނައިރު، ވިސާ ލިބުމުގައި އެކި ކަހަލަ ދަތިތައް ކުރިމަތިވަމުން އަންނަކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

ވިސާ ހޯދުމަށް ހަދާފައިވާ ޤަވައިދުގެ މަތިން އެޕޮއިންޓްމެންޓް ހޯދުމަށް އިންޑިއާ ހައިކޮމިޝަނަށް އޮންލައިންކޮށް ފޯމެއް ފުރުމަށްފަހު ހުށަހަޅަންޖެހެއެވެ. ނަމަވެސް އެމްބަސީއިން ކޮންމެ ދުވަހަކުވެސް ފޯމް ބަލައިގަންނަނީ ވަކި އަދަދަކަށްވުމުން އެމެޖެންސީކޮށް ފުރަން ބޭނުންވާ ބަލި މީހުންނަށް ގިނަ ގުނަ ދަތިތަކާއި ކުރިމަތިލާންޖެހޭކަން އެމީހުން ދަނީ ފާހަގަކުރަމުންނެވެ.