ދޮންދޫންޏަކީ ދިގު މިނުގައި އެންމެ 4.5 ސެންޓިމީޓަރު ހުންނަ ކުޑަ ކުޑަ ސުއިއްޕެކެވެ. މީގެ ތުނި ތުނި ފިޔަގަނޑުގައި 7 ނުވަތަ 8 ސެންޓިމީޓަރު ހުރި އިރު، އިންޑިއާ ކަނޑުގެ ސަރަހައްދު ހުރަސްކޮށް ރާއްޖެއިން އެފްރިކާއަށް އަދި އެފްރިކާއިން ރާއްޖެއަށް ދޮންދޫނި ދަތުރުކުރުމާއި މެދު ސްވިޑަންގެ ލަންގް ޔުނިވާސިޓީ ބައިނައްލަޤްވާމީ ދިރާސާކުރާ ޓީމަކުން ވަނީ ދިރާސާއެއް ހަދާފައެވެ.
އެ ޔުނިވާސިޓީއިން މިވަނީ ދޮންދޫންޏާއި އެއްފަދަ މޮޑެލްއެއް ތައްޔާރުކޮށް މިކަން އިތުރަށް ދިރާސާކުރަން ފަށާފައެވެ. އެގޮތުން 2009 ވަނަ އަހަރު މެރިން ބައޮލޮޖިސްޓްއެއްކަމަށްވާ ޗާލްސް އެންޑަރސަން ހަދާފައިވާ ދިރާސާތަކެއް ބުނާ ގޮތުންނަމަ، ރާއްޖޭގައި ދިރިއުޅުން ދޮންދޫނިތަކެއް އިންޑިއާއަށް ހިޖުރަކޮށްފައިވާކަމަށް އޭނާ ބުނެފައިވެއެވެ. އަދި އިންޑިއާއަށް ހިޖުރުކުރުމަށްފަހު އެ ދޮންދޫނިތައް އެފްރިކާގެ އިރުމައްޗަށް ދަތުރުކޮށްފައިވާކަމަށް އޭނާ ބުނެފައިވެއެވެ.
ޗާލްސްގެ މިވާހަކަތަކަކީ ތެދެއްތޯ ބެލުމަށް ލަންގް ޔުނިވާސިޓީގެ ދިރާސާކުރާ ޓީމްއަކުން ޝައުގުވެރިކަން ފާޅުކޮށް ޓެސްޓް މޮޑެލްއަކާއި އެކު އެމީހުންގެ މަސައްކަތް 12 އަހަރު ފަހުން މިވަނީ ފަށާފައެވެ.
ދޮންދޫންޏަކީ ކުޑަ އެއްޗެއް ކަމުން އާންމުކޮށް ޖަނަވާރު ފަދަ އެއްޗެހި އުޅޭ ގޮތް ބެލުމަށް އެ އެއްޗެހީގައި ބޭނުންކުރާ ޓްރާންސްމީޓަރުވެސް ދޮންދޫނީގައި ބޭނުންނުކުރެވޭނެކަމަށް ބަލައި، ދޮންދޫންޏަކަށް އުދުހެވޭނީ ގާތްގަނޑަކަށް ކިހާ އިރަކުތޯ އެމީހުންވަނީ ދިރާސާކޮށްފައެވެ.
އެގޮތުން މީޓިއޮރޮލޮޖިކަލް ވިންންސް މޮޑެލް ނުވަތަ ވައި ދަތުރުކުރާ ރާސްތާ ބެލުމަށް މޫސުމާއި ބެހޭ އިދާރާތަކުން ބޭނުން ކުރާ ޒާތުގެ މޮޑެލް ތަކެއް ތައްޔާރިކުރިއެވެ. މޮޑެލް ބޭނުންކޮށްގެން ހަދާފައިވާ ދިރާސާތައް ދައްކާ ގޮތުން ނަމަ އިންޑިއާއިން އެފްރިކާގެ އިރުމައްޗަށް ދޮންދޫންޏަކަށް ހިޖުރަކުރެވިދާނެކަމަށް ދައްކައެވެ. ނަމަވެސް މިއީ އަހަރުގެ ބައެއް ދުވަސްވަރުގައި އޭ ސޫފި އޭގެ ހަށިގަނޑުގައި ރައްކާކުރާ ހަކަތަ ބޭނުންކޮށްގެން ކުރާ ދަތުރެއްކަން ފާހަގަކޮށްފައިވެއެވެ.
ދޮންދޫނީގެ ދަތުރު މުޅިންހެން ބިނާވެގެން އަންނަނީ ވައި ދަތުރުކުރާ ގޮތުންކަމަށްވާއިރު، ހިޖުރަކުރާ ދޮންދޫނީގެ 15 އިންސައްތަ ސޫފި ދަތުރުތައް ކުރަމުން އަންނަނީ ބަހާރު މޫސުމުގައެވެ. ނަމަވެސް މީގެތެރެއިން އަނބުރައި ހިޖުރަކުރާ ދޮންދޫނީގެ ނިސްބަތަކީ 40 އިންސައްތައެވެ. ދިރާސާ ޓީމަށް އެންމެ ހައިރާންކަމެއް ލިބިގެންދިޔަ ކަމަކީ މި ޖަނަވާރުންގެ މުޅި އާއިލާއަށް ބަލާއިރު، މި ކުޑަ ކުޑަ ސޫފި މިހާ ދިގު ރާސްތާއަކަށް ހިޖުރަކުރާކަމެވެ.
ލަންގް ޔުނިވަރސިޓީގެ ބައޮލޮޖީ ރިސަރޗަރ ޖޮހަނާ ހެޑްލަންޑް ބުނެފައިވާ ގޮތުގައި، އިށީންދެލާނެ ތަނެއް ނެތި ބޮޑު ކަނޑެއް ހުރަސްކޮށް އެންމެ 300 މިލިގްރާމްގެ ސުއިއްޕެއް 2000 ކިލޯ މީޓަރުގެ ރާސްތާއެއް ކަނޑައްތުކުރުން މިއީ އޭނާއާއި އޭނާގެ ޓީމަށް ލިބުން ވަރަށް ބޮޑު ހައިރާންކަމެއްކަމަށެވެ.
އެހެން ޖަނަވާރުތައް ނުވަތަ ދޫނި ސޫފާސޫފިވެސް ހިޖުރަކުރާއިރު، ވަރުބަލިކަން ފިލުވާލުމަށް ތަންތަނުގައި މަޑުކުރާކަން ރިސަރޗްޓީމުން ވަނީ ފާހަގަކޮށްފައެވެ. މިސާލަކަށް ފެލްކަން އާއި ޖެކޮބިން ކޮކޫ ފަދަ ދޫނިތަކަކީ މިގޮތަށް ދިގު ރާސްތާ ދަތުރުތައް ކުރާ ދޫނިކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލްތަކާއި ގުޅިގެން މިގޮތަށް އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރަމުން އަންނަ ދޫނި ސޫފާ ސޫފިތަކަށްވެސް އަސަރުކުރާނެކަން އެމީހުންވަނީ ފާހަގަކޮށްފައެވެ.
ރިސާޗް ޓީމުން މިގޮތައް ކުރާ ދިރާސާތަކަކީ ޖަނަވާރު އެއްތަނުން އަނެއްތަނަށް ހިޖުރަކުރާ ގޮތްތަކާއި ބެހޭ މަޢުލޫމާތު ހޯދުމަށާއި އެއެއްޗިއްސާއި ބެހޭ ޢިލްމު އުގެނުމަށްކަމަށް ބުނެފައިވެއެވެ. އަދި މިފަދަ ކުޑަ ކުޑަ ސުއިއްޕަކަށް މިހާ ބޮޑު ރާސްތާއަކަށް ހިޖުރަކުރެވުމާއި ބެހޭ މަޢުލޫމާތު އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމަކީވެސް ދިރާސާގެ ބައެއްކަން ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!