އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ސްރީލަންކާއިން މި ސަރަހައްދުގެ ފުޓްބޯޅައިގެ ގަދަބާރެއް ކަމުގައިވާ އިންޑިއާ މޮޅުވިއަނުދީ ހިފަހައްޓައިފިއެވެ. މިއަދު ހަވީރު ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

މި މެޗުގެ ފަށައިގެން ލަންކާއިން ޑިފެންސަށް އިސްކަމެއް ދީގެން ކުޅުނު ނަމަވެސް، މި ހާފުގައި އިންޑިއާގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ތަންކޮޅެއް އާދައިގެ ކުޅުމެކެވެ. މި ހާފުގައި ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް ލަންކާއަށް އަދި އިންޑިއާއަށް ވެސް ވަނީ ލިބިފައެވެ. ނަމަވެސް އެ ފުރުޞަތުގެ ބޭނުން ދެ ޓީމަށް ވެސް ކުރެވިފައިނުވެއެވެ.

Ad
rt

މެޗުގެ ދެވަނަ ހާފުގައި އިންޑިއާއިން ވަނީ ޓީމް ކުރިއަށް ޖައްސައި ލަންކާއަށް ބާރު ބޮޑު ކޮށްފައެވެ. މިގޮތުން ދެވަނަ ހާފުގެ ކުރީކޮޅު އިންޑިއާ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ބޮލުން ފޮނުވާލި ހަމަލާ ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ ދިފާއުކޮށްފައެވެ. މީގެ އިތުރުން މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އިންޑިއާގެ ސުބާސިޝް ބޯސްއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބި ބޭނުން ނުކުރެވިފައެވެ.

އެންމެފަހުން މި ދެ ޓީމު ކުޅުނު މެޗެއް އެއްވަރުވެފައިވަނީ 2003 ގެ ސާފް ޗެމްޕިއަންޝިޕުގައެވެ. އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އޭގެފަހުން މިހާތަނަށް މި ދެ ޓީމު ވަނީ ހަތަރު ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. މި ހަތަރު ފަހަރުވެސް ކާމިޔާބުކޮށްފައިވަނީ އިންޑިއާ އިންނެވެ.

އިންޑިއާ މި މުބާރާތުގައި ބަންގްލަދޭޝްއާއި ބައްދަލުކުރި މެޗު ވެސް ނިމިގެން ގޮސްފައިވަނީ އެއްވަރު ވެގެންނެވެ. ވުމާއެކު މި މެޗު އެއްވަރުވުމުން އިންޑިއާ ވެސް ވަނީ ޕްރެޝަރަށް ވެއްޓިފައެވެ. ލަންކާއިން ތިން މެޗު ކުޅެފައިވާއިރު އެ ޓީމަށް މޮޅެއް ބުލިބި ވަނީ މުބާރާތުން ކަޓާފައެވެ.

މި މުބާރާތުގައި މިރޭ 21:00 ގައި ބައްދަލުކުރާނީ ދިވެހިރާއްޖެއާއި ބަންގްލަދޭޝްއެވެ.