ޔުއެފާ ނޭޝަންސް ލީގުގެ ސެމީފައިނަލުން އިޓަލީ ބަލިވެ އެ ޓީމުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އައިއިރު، އެ މެޗުން މޮޅުވެ މުބާރާތުގެ ފައިނަލަށް ސްޕެއިން ދަތުރު ކޮށްފިއެވެ. ބުދަ ދުވަހުގެ ރޭ މިލާންގެ ސެން ސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސްޕެއިނުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް އިޓަލީ ނުކުތްއިރު އެ ޓީމް ވަނީ ބަލިނުވެ 37 މެޗު ކުޅެ، ބަލިނުވެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ހަދާފައެވެ. މީގެ ކުރިން މި ރެކޯޑް އޮތީ ބަލިނުވެ 35 މެޗު ކުޅެފައިވާ ސްޕެއިންއާއި ބްރެޒިލް އަތުގައެވެ. ރޭގެ މެޗުގެ ކުރިން އެންމެ ފަހުން އިޓަލީ ބަލިވެފައި ވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ޕޯޗުގަލް އަތުންނެވެ.

Ad
rt

މެޗު ފަށައިގެން ސްޕެއިނުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގައި ސްޕެއިނުން ކާމިޔާބުކުރި ދެ ލަނޑު ވެސް ފުރަތަމަ ހާފުގައި ކާމިޔާބި ކޮށްފައިވާއިރު ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި އޮޔާޒަބަލް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން އަދި އިތުބާރު ފޯވާޑް ފެރާން ޓޯރޭސްއެވެ.

މި ލަނޑަށް ފަހު އިޓަލީން ކުޅުން ރަނގަޅުކޮށް ސްޕެއިންއަށް ވަނީ ބާރު ބޮޑު ކޮށްފައެވެ. މިގޮތުން އެ ޓީމުން ވަނީ ލަނޑުޖަހާނެ ފުރުޞަތު ވެސް ތަނަވަސް ކޮށްފައެވެ. އިޓަލީގެ ފޯވާޑް އިންސީނިއާއަށް ހުސް ފުރުޞަތެއް ލިބި ބޭނުން ނުކުރެވުނުއިރު، އެ ޓީމްގެ ބާނޑޭސްކީ ފޮނުވާލި ހަމަލާ ސަލާމަތް ވެފައިވަނީ ސްޕެއިންގެ ކީޕަރުގެ އަތުގައިޖެހި ގޯލުގެ ދަނޑީގައި ވެސް ޖެހިފައެވެ.

މެޗުގައި އިޓަލީއަށް އިތުރު މައްސަލަ ކުރިމަތިވެފައި ވަނީ މެޗުގެ 41 ވަނަ މިނެޓުގައި އިޓަލީގެ ޑިފެންޑަރ ބޮނޫޗީއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކުމާއި ގުޅިގެންނެވެ. އެކަކު މަދުވުމުގެ ފައިދާނަގައި ސްޕެއިނުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑުޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް ފެރާން ޓޯރޭސްއެވެ.

މެޗުގެ ފަހު ހާފު އެއްކޮށް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް އިޓަލީން ވަނީ ވިސްނުންތެރި ކަމާއިއެކު ކުޅެ ސްޕެއިންއަށް އިތުރު ލަނޑެއް ކާމިޔާބު ކުރުމުގެ ފުރުޞަތު ނުދީ ހިފަހައްޓާފައެވެ. އަދި ލަނޑު ޖަހާ ފަރަގު ވެސް ކުޑަކޮށްފައެވެ. އިޓަލީން މި މެޗުގައި ކާމިޔާބުކުރި ލަނޑު އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ކިއޭސާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލޮރެންޒޯ ޕެލެގްރީނީއެވެ.

މި މެޗުން މޮޅުވެ ސްޕެއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދިއިރު، ސްޕެއިން ސައިނަލުގައި ވާދަކުރަން ޖެހޭނީ ބުރާސްފަތި ދުވަހުގެ ރޭ ފްރާންސާއި ބެލްޖިއަމް ބައްދަލުކުރާ ސެމީ ފައިނަލުގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއެވެ.