ލ އަތޮޅު މާވަށު ”އާފަރު“ ގޯތިން ކަރަންޓް ކަނޑާލީ އެ ކުންފުނީގެ ގަވާއިދާއި އުސޫލާ އެއްގޮަތަށް ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފިއެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި މިގޮަތަށް ބުނެފައި ވަނީ، އެ ގޯތިން ކަރަންޓު ކަނޑާލީ އުސޫލުތަކާއި ހިލާފަށް ކަމަށް އެގޭގެ ވެރިފަރާތުން ބުނެފައި ވަނިކޮށެވެ.
ފެނަކައިން ބުނީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ދެވުނު ފުރުސަތުތަކުގައި ވެސް އެ ގޭގެ ވެރިފަރާތުން ފައިސާ ނުދައްކައި، ދެވުނު އެންމެ ފަހު ފުރުސަތު 03 އޮކްޓޯބަރ 2021 ގެ ނިޔަލަށް ހަމަވެފައިވާތީ، ކަރަންޓު ކަނޑާލީ އާންމުކޮށް އަމަލު ކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި އެ ކަމުގައި ގާނޫނީ ބަހުސެއްވެސް ނުއުފެދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
”މިކަމާ ގުޅިގެން ގޯތީގެ ވެރިފަރާތުން، މިކުންފުނިން ހޯދާފައިވާ ހިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމަށް ޝަރުއީ ކޯޓެއް މެދުވެރިކޮށް، ވަގުތީ އަމުރެއްގެ ދަށުން ދާއިމީ ފަރުވާއެއް ލިބޭނެ ގާނޫނީ ބަހަނާއެއް ހޯދުމުގެ ބޭނުމުގައި، ލ.މާވަށުމެޖިސްޓރޭޓް ކޯޓަށް ހުށަހެޅި މައްސަލަ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު: 2015/SC-SJ/06 (25 ޖޫން 2015) ”ރިޓް އޮފް ޕްރޮހިބިޝަން“ އަށް ހަވާލާދެއްވައި، 06 އޮކްޓޯބަރ 2021 ވަނަ ދުވަހު އެކޯޓުން ނިންމަވައި ހުކުމް ކުރައްވާފައިވާތީ، ވަގުތީގޮތުން ހިދުމަތް ކަނޑާލި ކަނޑާލުމާމެދު މިވަގުތަށް ގާނޫނީ ބަހުސެއް އުފެދިފައި ނުވޭ“. ފެނަކައިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
އެކުންފުނިން ބުނީ، ދެވޭ ހިދުމަތްތަކަކީ ހުރިހާ ފަރާތްތަކަށް ހަމަ ހަމަ ކަމާއެކު އަމަލުކުރެވިގެން ދެވޭ ހިދުމަތްތަކަކަށް ވެފައި، ހިދުމަތްތައް ދެމެހެއްޓެނިވިގޮތެއްގައި ފޯރުކޮށްދެވޭނީ، އެއްބަސްވެވިފައިވާ އުސޫލުތަކާއެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް އަމަލުކޮށްގެން ކަމަށެވެ. އެހެންކަމުން ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކުންވެސް، ކަނޑައަޅައި އެއްބަސްވެވިފައިވާ އުސޫލުތަކާއެއްގޮތަށް އަމަލުކުރުމަަށް ފެނަކައިން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!