ހިޔާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓުތަކުގެ ފެން ބިލު ބޮޑުވެފައިވާކަން ފާހަގަ ވެފައި ވާތީ، އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.
އެ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފެންބިލު ބޮޑުވެފައި ވާކަން ފާހަގަ ކުރެވުނު ފްލެޓުތަކުގެ ވެރިންނާއި ގުޅުން ހުރި އިދާރާތަކާ ގުޅިގެން އެ މައްސަލަ ދެނެގަނެ، އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފެން ބިލު ބޮޑުވުމަށް ދިމާވާ އެއް ސަބަބު ކަމަށް އެމްޑަބްލިއުއެސްސީން ބުނީ ފެން ވަޔަރިން، ވޭލުތަކުން ނުވަތަ އިސްކުރުތަކުން ފެން ލީކުވުމެވެ. އަދި ފްލެޓު ތަކުގައި އެފަދަ މައްސަލައެއް އުޅޭތޯ ބަލައި، އެކަމަށް ސަމާލުކަމެއް ދިނުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.
ފެން ލީކެއް އުޅޭތޯ އަމިއްލަށް ޔަގީން ކުރުމަށް ގޭގެ ހުރިހާ ވޭލަކާއި އިސްކޫރެއް ބާރު ކުރުމަށް ފަހު، މީޓަރު އެނބުރޭތޯ ބެލުމަށް އެމްޑަބްލިޔުއެސްސީން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އެފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް މީހުން ދިރިއުޅެން ނުފަށާ ފްލެޓުތަކުގައިވެސް އެފަދަ މައްސަލައެއް އުޅޭތޯ ބެލުމަށް އެ ކުންފުނިން އިލްތިމާސް ކުރެއެވެ.
އެމްޑަބްލިޔުއެސްސީން ވަނީ ފްލެޓުތަކުގައި ފެން ލީކެއް އުޅޭކަން ފާހަގަ ވާނަމަ އެ ކުންފުނީގެ ހޮޓްލައިން 105 އަށް ގުޅައިގެން އެ މައްސަލަ ހުށަހެޅުމަށް އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!