ކުޑަ ކުޑަ ލޮލުގެ ޓެސްޓްއަކުން ހިތުގެ ބަލިތައް ދެނެގަނެވިދާނެކަމަށް ސައިންސްވެރިން ބުނެފިއެވެ.

ސެންޑިއޭގޯ ހެލްތު އަދި ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ރެޓިނަލް ސަރޖެން ޑރ. މެތިއު ބަކޯމް ވިދާޅުވެފައިވާ ގޮތުގައި ރެޓިނަލް އިސްކީމިއާއިން ހިތުގެ ބަލިތައް ދެނެގަނެވި ހިތުގެ ބަލި ހުންނަ މީހުންނަށް އަވަހަށް ފަރުވާ ފެށިދާނެއެވެ.

Ad
rt

ޑޮކްޓަރ ހާމަކޮށްފައިވާ ގޮތުގައި ލޮލުގައި ހުންނަ ކުދި ކުދި ނާރުތަކުން ލޭ ދައުރުވާ މިންވަރު ދަށްކަން ފާހަގަކުރެވޭނަމަ މިއީ ހިތުގެ ބަލިތައް ފާހަގަކުރެވޭންކަމެއްކަމަށް ދައްކައެވެ. އަދި ހިތުގެ ބަލިތައް އަވަހަށް ދެނެގަނެވޭނެއެވެ.

އާންމު ގޮތެއްގައި ހިތުގެ ބަލިތައް ދެނެގަނެވެނީ ކަމެއް ދިމާވުމުންނެވެ. މީގެ ތެރޭގައި ކުއްލިއަކަށް މެއަށް ތަދުއެރުމާއި ސްޓްރޯކް ޖެހުމުން ނޫނީ ހިތުގެ ބަލި ހުންނަކަން ދެނެގަންނަން އުނދަގުލެވެ. ނަމަވެސް މިކަމަށް ލޮލުގެ ޓެސްޓެއް ސިކުންތެއްގެ ތެރޭގައި ހަދާލައިގެން ހިތުގެ ބަލިތައް ދެނެގެނެވުން މިއީ ކުއްލިއަކަށް ހިތުގެ ބަލިތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ލިބިގެންދާނެ ހައްލެކެވެ.

އާންމު ގޮތެއްގައި ލޮލުގެ ޓެސްޓްތައް ހަދަނީ ލޮލުގެ ބަލިތަކަށެވެ. އޭގެ ތެރޭގައި ގްލައުކޯމާ ބަލި ހިމެނެއެވެ. އިނގިރޭސިވިލާތަށް ބަލާއިރު އަހަރަކު 200،000 މީހުން ހާރޓް އެޓޭކް ޖެހިގެން ހޮސްޕިޓަލުން ފަރުވާ ހޯދާއިރު، އެމެރިކާގައި އަހަރެއްގެ މައްޗަށް 800،000 މީހުން ހޮސްޕިޓަލުން ފަރުވާ ހޯދާކަމަށް ވަނީ ރެކޯޑްކުރެވިފައެވެ.

ޑރ. ބަކޯމް ބުނާ ގޮތުންނަމަ ލޮލަކީ އިންސާނާގެ ސިއްހަތު ދެނެގަނެވޭނެ ކުޑަ ދޮރުކަމަށް ބުނެފައިވެއެވެ. ސަބަބަކީ ލޮލުގައި ހުންނަ ކުދި ނާރުތަކުގެ އަލީގައި އިންސާނާގެ ހަށިގަނޑުގައި ދައުރުވަމުން އަންނަ ލޭ ދަށްވުން ދެނަގަނެވުމާއި މީގެ އިތުރުން ގައިގެ ހަކަތަ ދަށްވުން ވެސް ލޮލުން ދެނެގަނެވެއެވެ. ވީމާ ލޮލުން ހިތުގެ ބަލިތައް ދެނެނުގަނެވޭނެ އެއްވެސް ގޮތެއް އޮވެގެން ނުވާނެކަމަށް ޑރ. ބަކޯމް އަންނަނީ ބުނަމުންނެވެ.

އަދި އިސްކީމިއާއަކީ ހިތުން ހަށިގަނޑަށް ފޯރުކޮށްދޭ ލޭގެ މިންވަރު ދަށްވުމުން ޖެހޭ ބައްޔެކެވެ. ހިތުން ލޮލަށް ފޯރުކޮށްދޭ ލޭ ދަށްވެ، ރެޓީނާ ނުވަތަ ލޮލިގެ އަލިދުލީގައި ހުންނަ ސެލްތައް މަރުވެ ލޮލުގެ ފެނުން ދުވަހެއް ދުވަހަކަށް ދަށްވެއެވެ. ހިތުގެ ބަލީގެ އިތުރުން ހަކުރު މައްޗަށް ދިއުމުން ނުވަތަ ޑައިބެޓިކްސް ހުންނަ މީހުންނަށްވެސް ހަކުރު ދަށްނުކުރެވޭނަމަ ލޮލުގެ ފެނުމަށް އަސަރުކުރެއެވެ.

ޔުނިވާސިޓީ އޮފް ކެލިފޯނިއާ އިން ސެންޑިއޭގޯ ހެލްތްއިން ހަދާފައިވާ ދިރާސާއަށް ބަލާއިރު، 2014 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2019 ވަނަ އަހަރުގެ ޖުލައި މަހާއި ހަމައަށް ޖުމަލް 13،940 މީހުން ވަނީ ރެޓިނަލް ޓެސްޓް ހަދާފައެވެ. މި ގްރޫޕްގެ ލޮލުގެ ޓެސްޓްގެ ނަތީޖާއަށް ބަލާއިރު، 84 މީހުންގެ ގައިން ހިތުގެ ބަލި ވަނީ ފެނިފައެވެ. އަދި މި 84 މީހުންގެ ތެރެއިން 58 މީހުންގެ ލޭ ހޮޅުތަކުގައި ލޭ ދައުރުވުން ބްލޮކްވެފައި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. އަދި 28 މީހަކަށް ސްޓްރޯކް ޖެހިފައިވާކަން ވަނީ މޮނިޓަރ ކުރެވިފައެވެ.

ޑރ. ބަކޯމް އާއިއެކު މިދިރާސާގައި ބައިވެރިވެފައިވާ ޑރ. އެންތަނީ ޑި މާރިއާ ބުނެފައިވަނީ، ލޮލުގެ ޓެސްޓަކީ ހިތުގެ ބަލިތައް ދެނެގަތުމަށް އޮތް އައު ގޮތްކަމަށް މުޅި ދުނިޔެ ބަލައިގަންނާނެކަމަށެވެ. ސަބަބަކީ ލޮލުގެ ޓެސްޓްއަކުން ހިތުގެ ބަލިތައް ދެނެގަތުމަށް އިތުރު މަގެއް ހޯދިފައިވުމާއި ލޮލުގެ ޓެސްޓަކީ ފަސޭހައިން ހެދޭ އެއްޗަކަށްވުން ހިމެނޭކަމެވެ. އަދި ލޭމައްޗަށް ދިއުންވެސް ލޮލުގެ ޓެސްޓްއިން ދެނެގަނެވޭނެކަމަށް އޭނާ ހާމަކޮށްފައިވެއެވެ.

ހިތުގެ ބަލިތައް ދެނެގަތުމަށް ހުންނަ ޕްރޮސީޖާތަކުގެ ބަދަލުގައި ލޮލުގެ ޓެސްޓްއިން ހިތުގެ ބަލިތައް ދެނެގަނެވި ސްޓްރޯކް އައި ހާރޓްއެޓޭކްޖެހިގެން މަރުވަ މީހުންގެ ނިސްބަތް ދަށްކުރުމަށް އެޅޭނެ ބޮޑު ފިޔަވަޅެއްކަމަށް ލޮލިގެ ޚާއްސަ ދެ ޑޮކްޓަރުންވެސް ވަނީ ވިދާޅުވެފައެވެ.

ހާޓްއެޓޭކް ޖެހުމަށް ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިތުގެ ބަލި ހުންނަކަން ދެނެގަނެވުން ލަސްވުމާއި، ލޭ މައްޗަށްދާ ބަލި ހުރުމާއި ހަކުރުބަލީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލްކުރުން ހިމެނެއެވެ. ހާޓް އެޓޭކްގެ އަލާމާތްތަކުގެ ތެރޭގައި މެޔަށް ތަދެއް އެރުން، ކުއްލިއަކަށް ނޭވާ ކުރުވުން އަދި އަދި ހާސްވެ ގައިގެ ވަރު ދެރަވުން ހިމެނެއެވެ.

ހިތުގެ ބަލިތައް ޖެހެންދިމާވާ އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ކެއިންބުއިމުގެ އާދަތަކާއި ދުންފަތު އިސްތިޢުމާލް ކުރުމާއި، ކަސްރަތު ނުކުރުން ހިމެނެއެވެ. ދުޅަ ހެޔޮ ޞިއްޙަތެއްގައި ހުރުމަށް ރަގަޅު ކާނާއާއި ކަސްރަތަކީ ވަރަށް މުޙިއްމު އެއްޗެކެވެ.