ގައި ހިއްކަން ގެންގުޅޭ ތުވާއްޔާއި، އަތް ފުހެން ގެންގުޅޭ ތުވާލިކޮޅުގެ އިތުރުން ބަދިގޭގައި ބޭނުންކުރާ ތުވާއްޔާއި ހަމައަށް ގޭގައި އެތައް ތުވާޔެއް ދުވާލެއްގެ މައްޗަށް ބޭނުންކުރެވެއެވެ. އަދި މިތުވާލިތައް ސާފު ކުރުމާއި ދޭތެރޭގައި ވަކި ކަހަލަ އުސޫލުތަކެއް ގެންގުޅޭ މީހުންވެސް އުޅެއެވެ.
ބެޑްޝީޓް ދޮންނައިރު ގައި ހިއްކުމަށް ބޭނުންކުރާ ތުވާލީ އޭގެ ތެރެއަށްލާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. ސަބަބަކީ އެއްފެންގަނޑެއްގައި ދޮވެލުމުން ވަކިން އެތަކެތި ދޮވުމަށް ދާ ވަގުތާއި ކަރަންޓާއި ފެން އިސްރާފުނުކުރުމުގެ ބޭނުމުގައެވެ.
ކަން މިހެން އޮތްއިރު، ބެޑްޝީޓްއާއި ބާލިސް އުރަ އާއި އަޅާބަލާއިރު ތުވާލި ތައްޔާރުކޮށްފައިވަނީ ތަފާތު މެޓީރިއަލްއަކުން ކަން ފާހަގަކޮށްލަންޖެހެއެވެ. އެހެންކަމުން މެޝިނުން އެއްޗެހި ދޮންނައިރު، ތަފާތު މެޓީރިއަލްގެ އެއްޗެހި ވަކިވަކިން ދޮވުމަށް ބައެއް މީންނަށް އާދަވެފައިވާއިރު އަނެއް ބައި މީހުންނަށް މިކަން ކަމަކީ މާ މުހިއްމު ކަމަށްނުވުން އެކަށީގެންވެއެވެ.
ތުވާލި ދޮންނަންވީ އެންމެ ރަގަޅު ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލާ އެމެރިކާގެ ކްލީނިންގް އިންސްޓިޓިއުޓްގެ ވައިސް ޕްރެޒިޑެންޓް ބްރަޔަން ސަންސޮނީ ހަދާފައިވާ ދިރާސާތަކުގެ އަލީގައި ހާމަކޮށްފައިވާ ބައެއް ކަންކަމަށް ބަލާލާއިރު، ތުވާލި ހޫނު ފެނުގައި ދޮންނަން ކޮންމެހެން ނުޖެހޭކަމަށް އޭނާ ވަނީ ބުނެފައެވެ. ތުވާލީގައި ހުންނަ ޖަރާސީމުތައް ފިލުވުމަށް ބައެއް މީހުން މިހާރު ހުންނަ ގިނަ މެޝިންތަކުގައި ހޫނު ކޮށް ދޮވުމަށް ހުންނަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދޮވެހަދައެވެ. ނަމަވެސް ގައި ހިއްކަން ބޭނުން ކުރާ ތުވާލި ކޮންމެހެން ހޫނު ފެނުން ދޮވުން މުހިއްމު ނޫންކަމުގައި ސަންސޮނީ ވަނީ ބުނެފައެވެ.
ނަމަވެސް ބަދިގޭގައި ބޭނުންކުރާ ތުވާލި ނުވަތަ ކިޗަން ޓަވަލްސްގައި ތެޔޮ ނުވަތަ ގިރިސްފަދަ ބާވަތެއް ހުރެއްޖެ ނަމަ ހޫނުކޮށް ދޮވެވިދާނެއެވެ. ސަބަބަކީ ތެޔޮފަދަ ބާވަތްތައް ފިލުވުމަށް ހޫނުފެން އެންމެ އެކަށީގެންވާކަމަށް ދިރާސާތަކުން ދައްކާތީއެވެ.
އެހެން ނަމަވެސް ގައި ހިއްކުމަށް ބޭނުންކުރާ ތުވާލި ހޫނު ފެނުން ދޮންނަން ނުޖެހޭކަމަށާއި ގައި ހިއްކާ ތުވާލީގައި މީރުވަސް ދުއްވުމަށް ބޭނުންކުރެވޭ ފެބްރިކް ސޮފްޓްނަރވެސް ބޭނުން ނުކުރުމަށް ބުނެފައިވެއެވެ. ސަބަބަކީ މީރުވަސް ދުއްވުމަށް ބޭނުންކުރެވޭ ސޮފްޓްނަރގެ އަސަރު ތުވާލީގައި ހަރުލާފައި ހުރުމާއި އޭގެ ސަބަބުން އިންސާނާގެ ގަޔަށް އެލަރޖިކްވުމާއި ފެބްރިކް ސޮފްޓަރ ބޭނުންކުރުމުން ބައެއް ތުވާލި ހަދާފައި ހުންނަ މެޓީރިއަލްގެ ސަބަބުން ފެންހިއްކުމުގައިވެސް މައްސަލަތައް ދިމާވުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ.
އެހެންކަމުން އާދައިގެ ޑިޓަރޖެންޓްއެއް ބޭނުންކޮށްގެން ތުވާލި ދޮވެވިދާނެއެވެ. އަދި ދޮވުމަށްފަހު ތުވާލި ވަރަށް ރަގަޅަށް ހިއްކަންވާނެއެވެ. ތުވާއްޔަކީ ބަރު އަދި ހިކެން ގިނަ އިރުތަކެއް ނަގާ އެއްޗެކެވެ. އާންމު ގޮތެއްގައި ކޮންމެ ފަހަރަކު ގައި ހިއްކުމަށްފަހުވެސް ދެވަނަ ފަހަރަށް ބޭނުންކުރުމުގެ ކުރިން ތުވާލި ބައިންދަންވާނީ އެ ތުވާލީގައި ހުންނަ ފެން ރަގަޅަށް ހިކޭނެ ފަދަ ތަނެއްގައެވެ. ތުވާލި ރަގަޅަށް ނުހިކޭނެ ނަމަ އިންސާނާގެ ގައިން ތުވާލީގައި ހަރުލާފައި ހުންނަ ފެން ޖަރާސީމަށް ބަދަލުވެއެވެ.
އެންމެ ރަގަޅު ގޮތަކީ އަވީގައި ތުވާލި ހިއްކުމެވެ. ނަމަވެސް ދިވެހިރާއްޖެއަށް ބަލާއިރު، ޚާއްސަކޮށް މާލެ އޭރިއާގައި އުޅޭ މީހުންނަށް އަވީގައި އެއްޗިހި ހިއްކުމަކީ މާ ފަސޭހަކަމަށް ނުވެއެވެ. ސަބަބަކީ އުޅެން ޖެހޭ ތަންކޮޅު ކުޑަވުމާއި ގޭތެރެއަށް އަވި ނުލިބޭ މައްސަލައެވެ.
މެޝިނަށް ޑިޓަރޖެންޓް އަޅާއިރު، ވަކި ލިމިޓެއް އޮތް ނަމަވެސް ތަކެތި ރީއްޗަށް ދޮވުމަށް މީހުން އަޅަން ޖެހޭ ނިސްބަތަށްވުރެން ގިނައިން ދޮންނަ ކުނޑި ނުވަތަ ލިކުއިޑް ޑިޓަރޖެންޓް ބޭނުންކުރެއެވެ. ނަމަވެސް މެޝިނަކީ ވަކި ގޮތަކަށް ޕްރޮސެސްވުމަށް ހުންނަ އެއްޗެއްކަމުން މީގެ ސަބަބުން އެއްޗިހިން ދޮންނަން އަޅާ ޑިޓަރޖެންޓް ރަގަޅަށް ނުފިލާވެސް ހުރުން އެކަށީގެންވެއެވެ.
ތުވާލީގެ އިތުރުން އާންމުކޮށް ގޭތެރެ ސާފުކުރުމަށާއި ސައިކަލް އަދި ކާރު ފަދަ އެއްޗެތި ފޮހުމަށް ބޭނުން ކުރަމުން އަންނަ މައިކްރޯ ފައިބަރ ޓަވަލްސްއާއި ގައި ހިއްކަން ބޭނުންކުރާ ތުވާލީ ހަދާފައި ހުންނަނީ ތަފާތު ދެ މެޓީރިއަލަކުންނެވެ. އެހެންކަމުން ތުވާލި ދޮންނައިރު، ބަދިގޭގައި ބޭނުންކުރާ ތުވާލި އޭގެ ތެރެއަށް ނުލުމަށް ކްލީނިންގ އިންސްޓިޓިއުޓްއިން މިވަނީ އިލްތިމާސްކޮށްފައެވެ. ސަބަބީ ގައި ހިއްކަން ގެންގުޅޭ ތުވާއްޔާއި އެކު ބަދިގެ ނުވަތަ ގޭތެރެ ސާފުކުރަން ބޭނުންކުރާ ތުވާލިފަދަ ތަކެތި އެއްކޮށް ދޮވުމުން އޭގެން ނިކުންނާނެ ބެކްޓީރިއާތަށް ގައި ހިއްކަން ގެންގުޅޭ ތުވާލީގައި ހަރުލުމުގެ ފުރުސަތު ބޮޑުކަމުންނެވެ. އަދި މިކަމުގެ ސަބަބުން ހަމުގެ ބަލިތަކަށް މަގު ފަހިވެގެންދެއެވެ.
ދެން މިބަލާލަނީ ގައި ހިއްކުމަށް ބޭނުން ކުރާ ތުވާލި ދޮންނަން އެންމެ ރަގަޅީ ކިހާ މުއްދަތެއްގެ ތެރޭގައިކަމެވެ. އެގޮތުން ކަމާއި ބެހޭ މާހިރުން ލަފާދޭ ގޮތުގައި ގައި ހިއްކަން ބޭނުންކުރާ ތުވާލި ރަގަޅަށް ހިކޭ ތަނެއްގައި ގޭގައި ބޭންދޭ ނަމަ، 5 ފަހަރު ނުވަތަ 3 ފަހަރު ބޭނުންކުރުމަށްފަހު ތުވާލި ދޮވުމަށް ލަފާދެއްވައެވެ.
އަތްފުހުމަށާއި މޫނު ފުހުމަށް ބޭނުންކުރާ ތުވާލި މަދުވެގެން 3 ފަހަރު ބޭނުންކުރުމަށްފަހު ދޮވުމަށް ލަފާދެއެވެ. ބަދިގޭގައި ބޭނުންކުރާ ތުވާލި އަދި މައިކްރޯފައިބަރ ތުވާލިފަދަ ތަކެތި ގޭތެރޭގައި ހުންނަ ހިރަފުސް ފަދަ ތަކެތި ސާފުކުރާނަމަ ކޮންމެ ފަހަރަކު ބޭނުންކުރުމަށްފަހުގައި އެތަކެތި ދޮވުމަށް އާދަކުރުމަށް ވަނީ ލަފާދީފައެވެ. ސަބަބަކީ ގޭތެރޭގައި ހުންނަ ހިރަފުހާއި ޖަރާސީމު އޭގައި އެކުލެވިގެންވުމެވެ. އަދި ނުދޮވެ ބޭނުންކުރާނަމަ އޭގައި ޖަރާސީމު އަށަގަތުމަށް ލިބޭ ފުރުސަތު ބޮޑުވުމެވެ.
ކަރަންޓް ސާމާނާއި އައިނު ފޮހުމަށް ބޭނުންކުރާ ފޮތިކޮޅުވެސް މަދުވެގެން 5 ފަހަރު ދޮވުމަށް ލަފާދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!