ހއ.ދިއްދޫ ކައުންސިލްގެ ހަތަރު ވަނަ "އަޟްހާ ޢީދު ފުޓްބޯޅަ މުބާރާތް 2021" ގައި ބައިވެރިވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ.
އަންނަ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޓީމްތައް ބައިވެރި ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެ ކައުންސިލުން ދޫކުރާ މުބާރާތުގައި ޓީމް ބައިވެރި ކުރުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 19 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 ކުރިން ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މީގެއިތުރުން މުބާރާތުގައި ބައިވެރިވާ ޓީމްތަކުން އެ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 08 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުމަށް ވެސް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މި މުބާރާތާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަ ދައްކަވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވެފައި ވަނީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން މިފަދަ ފުޓްބޯޅަ މުބާރާތެއް ހިންގުމުގެ އެންމެ ބޮޑު މަޤުޞަދަކީ ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުޞަތު ރަށުގެ ޒުވާނުންނަށް ހޯދައި ދިނުމުގެ އިތުރުން، ރަށުގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމަށް ހިތްވަރު ދިނުން ކަމަށެވެ.
މި މުބާރާތް މިއަހަރުގެ ކުރީކޮޅު ވެސް ވަނީ އިޢުލާން ކޮށްފައެވެ. ނަމަވެސް އެ ފަހަރު މި މުބާރާތް ކެންސަލް ކޮށްލާފައި ވަނީ ދިއްދޫއިން ކޯވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެ ރަށް މޮނީޓަރިންއަށް ލުމާއި ގުޅިގެންނެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ ދިއްދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބް ޖަމްޢިއްޔާ ތަކަށެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ، ޓީމް ހީވެސް ނުވޭއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!