ކޯވިޑް-19 ބަލީގައި ރާއްޖެއިން 54 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެއްސެއް ކަމަށެވެ.
މި މީހާ ނިޔާވެފައި ވަނީ ރޭ މެންދަމުން އަނބުރާ 2:40 ގައެވެ.
ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވުމާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 232 އަށް އަރާފައެވެ.
ކޯވިޑް 19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި ދަށްވެފައިވާއިރު، މިބަލީގައި ރާއްޖެއިން މީހުން ނިޔާވަމުން އަންނަ މިންވަރުވެސް ދަށްވެފައެވެ.
ނަމަވެސް އްސަ ކެޓަގަރީތަކެއްގެ މީހުންނަށް ކޯވިޑް-19އިން ރައްކާތެރިވުމަށް ދެވޭ ވެކްސިންގެ ބޫސްޓާ ޑޯޒެއް ދިނުމަށް އެޗްޕީއޭއިން މިހާރު ވަނީ ނިންމާފައެވެ. މިގޮތުން މި ބޫސްޓާ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް މިހާރު ހުޅުވާލާފައިވާއިރު، މި ޑޯޒް ގައި ޖަހާނީ ފައިޒާ ވެކްސިންއެވެ.
އެގޮތުން ފައިޒާ ވެކްސިންގެ 2 ވަނަ ޑޯޒް ޖަހައި 6 މަސްދުވަސް ހަމަކޮށްފައިވާ މީހުންގެ ތެރެއިން އެޗްޕީއޭއިން ކަނޑައެޅި ކެޓަގަރީތަކުގެ މީހުން ބޫސްޓާ ޑޯޒް ޖެހުމަށް ނަން ނޯޓްކުރުމަށް ވަނީ ހުޅުވާލާފައެެވެ.
ބޫސްޓާ ޑޯޒު ޖަހާ މީހުންގެ ތެރޭގައި، ދިފާއީ ނިޒާމު ބަލިކަށި މީހުން، 60 އަހަރުން މަތީގެ މީހުން ، އޮކްސިޖަން ތެރެޕީ ނަގާ މީހުން، ގަވައިދުން ޑައިލިސިސް ހަދާމީހުން، ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން، ދިފާއީ ބާރު ބަލިކަށި ކޮށްލާ ފަދަ ބޭސް ބޭނުން ކުރާ މީހުން، ބީ.އެމް.އައި 40 އަށް ވުރެ މަތި ނުވަތަ އާދަޔާ ޚިލާފަށް ބަރު މީހުން، ކެންސަރަށް ފަރުވާކުރާ ނުވަތަ ފަރުވާ އަށް ފަހު އެއް އަހަރު ނުވާ މީހުން، ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ކުރާ މީހުން، ބައްޔެއްގެ ސަބަބުން އެނދުމަތިވެފާ ތިބެ މީހުން، ހަކުރުބައްޔާއި ގުޅިގެން އެއްވެސް ގުނަވަނަކަށް ގެއްލުންވެފައި ތިބި މީހުން، ފުރަމޭގެ ބައްޔެއްގައި ފަރުވާ ދީފައިވާ މީހުން އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ ޞިއްޙީ ޙިދުމަތްދޭ ފަރާތްތައް ހިމެނެއެވެ.
ކޯވިޑް ބަލީގައި އިތުރު މީހަކު ރާއްޖެއިން ނިޔާވިއިރު، އެންމެފަހުން ކޯވިޑް ބަލީގައި މީހަކު ނިޔާވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ނިޔާވީ ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ދެމުންދިޔަ މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!