ދުނިޔޭގެ ބައެއް ލީޑަރުންގެ ފޮރުވިފައިވާ މާލިއްޔަތުގެ ހަޤީގަތާއި އެމީހުން ކޮށްފައިވާ ޑީލްތަކެއް ލީކުކޮށްލައިފިއެވެ.
މިގޮތުން ޕެންޑޯރާ ޕޭޕާސް ތަކެއް ލީކުވެ، ދުނިޔޭގެ ބޮޑެތި ލީޑަރުންނާއި ބިލިއަނަރުންގެ އިތުރުން ސިޔާސީ މަޤާމްތަކުގައި ތިއްބަވާ ބައެއް ބޭފުޅުންގެ މާލިއްޔަތާއި އެމީހުން ހިންގާފައިވާ ޖަރީމާތައް ހިމެނޭ ޑޮކިއުމަންޓްތަކެއް ވަނީ ލީކުވެފައެވެ.
މި ޕެންޑޯރާ ޕޭޕަރުތަކުން 35 ލީޑަރަކާއި، ކުރީގެ ބައެއް ލީޑަރުންގެ އިތުރުން 300 އަށްވުރެ ގިނަ ޕަބްލިކް އޮފިސަރުންގެ ފައިލްތަކެއްވަނީ ލީކްވެފައެވެ.
މީގެ ތެރޭގައި ޖޯރޑަންގެ ރަސްގެފާނު އެމެރިކާ އަދި އިންގިރޭސިވިލާތުން އެއްކޮށްފައިވާ ފައިސާގެ ގޮތުގައި 70 މިލިއަން ޕައުންޑް ހިމެނޭކަމަށް ލިޔެކިޔުންތަކުން ދައްކައެވެ. އަދި އިނގިރޭސިވިލާތުގެ ކުރީގެ ޕްރައިމް މިނިސްޓަރު ޓޯނީ ބްލެއަރ އާއި އޭނާގެ އަންހެނުން ގުޅިގެން ލަންޑަންގެ އޮފީސް ގަތުމުގައި ސްޓޭމްޕް ޑިއުޓީއިން ރެކި 312،000 ޕައުންޑް ފައިދާގެ ގޮތުގައި ނަގާފައިވާކަމަށް ދައްކާ ލިޔެކިޔުންތަކެއް ވަނީ ލީކުވެފައެވެ. ބްލެއަރގެ ދެކަނބަލުން ވަނީ ބިލްޑިންގް އެއް ގަނެފައެވެ.
ލީކްވެފައިވާ ލިޔެކިޔުންތައް ދައްކާ ގޮތުން ނަމަ، ރަޝީއާގެ ރައީސް ވިލާޑް މިރް ޕުޓިންގެ ގެއެއް މޮނާކޯގައި ހުރިކަމަށް ބުނެފައިވާއިރު، ޗެކް ރިޕަބްލިކްގެ ޕްރައިމް މިނިސްޓަރ އަންދްރޭސް ބާބިސް ފްރާންސްގެ ދެކުނުން 12 މިލިއަން ޕައުންޑްގެ 2 ވިލާ އަށް އިންވެސްޓްކޮށް އެފައިސާ ދައްކާފައި ނުވާކަމަށް ވެސް ދައްކައެވެ. އަދި ބާބިސްވަނީ މި ހަފުތާގައި އޮންނަ އިލެކްޝަނެއްގައި ވާދަ ކުރުމަށް ވެސް ކުރިމަތިލާފަ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ހާމަކޮށްފައެވެ.
ފާއިތުވި 7 އަހަރު ދުވަހުގެ ތެރޭގައި މިގޮތަށް ގިނަ އަދަދަކަށް މުއްސަނދިންނާއި ލީޑަރުންގެ މާލިއްޔަތާއި ބެހޭ ލިޔެކިޔުންތައް ލީކުވެފައިވާކަމަށް ޚަބަރުތަކުގައި ބުނެފައިވެއެވެ. މީގެ ތެރޭގައި ފިންސެން ފައިލްސް، ދި ޕެރެޑައިސް ފައިލްސް، ޕެނަމާ ޕޭޕަރސް އަދި ލަކްސް ލީކްސް ހިމެނެއެވެ.
މިފަދަ ބާރުވެރި މީހުންގެ ލީކްވާ ފައިލްތަކާއި ބެހޭ މަޢުލޫމާތުތައް ތަހުޤީގުކުރުމަށް 650 ރިޕޯރޓަރުން ހިމެނޭހެން އިންޓަރނޭޝަނަލް ކޮންސޯރޓިއަމް އޮފް އިންވެސްޓިގޭޓިވް ޖަރނަލިޒަމް (އައި.ސީ.އައި.ޖީ) ކިޔާ ޓީމެއް ވަނީ އުފައްދާފައެވެ. އެގޮތުން ބީބީސީ ޕެނަރޯމާއާއި ގާރޑިއަން މީޑިއާ ގުޅިގެން މިހާތަނަށް 14 ކުންފުންޏަކުން ހުށަހަޅާފައިވާ 12 މިލިއަން ޑޮކިއުމަންޓަކާއި ފައިލްވަނީ ދިރާސާކޮށްފައެވެ. މީގެ ތެރޭގައި ބްރިޓިޝް ވާރޖީނިއާ އައިލެންޑްސް، ޕެނަމާ، ބެލިޒް، ސައިޕްރަސް، ދި ޔުނައިޓެޑް އަރަބް އެމިރޭޓްސް، ސިންގަޕޫރު އަދި ސްވިޒަރލޭންޑްއާއި ބެހޭ އިޤްތިޞާދީ ޙިދުމަތްދޭ ބައެއް ކުންފުނިތަކުގެ ލިޔެކިޔުންތައް ހިމެނެއެވެ.
މިހާތަނަށްކޮފައިވާ ތަހުޤީގުތައް ދައްކާ ގޮތުންނަމަ، މަނީ ލޯންޑަރިންގެ އިތުރުން ޓެކްސް ފައިސާ ނުދެއްކުމާއި، ކޮރަޕްޝަންގެ ގިނަ އަމަލްތަކެއް އެ ލިޔެކިޔުންތަކުން ފެންނަން ހުރިކަމަށް ރިޕޯރޓަރުން ވަނީ ފާހަގަކޮށްފައެވެ. ތަހުޤީގުތައް ދައްކާގޮތުން މުއްސަނދި މަޖުހަނުން ގިނައިން ހުރީ އިންގިރޭސިވިލާތު ބިންތަކެއް ސިއްރުން ގަނެފައިވާކަން ހާމަވެއެވެ. އެގޮތުން 95،000 މުޢާމަލާތްކޮށްފައިވާކަމަށް ދައްކައެވެ. އަދި ތަކުރާރުކޮށް އިންގިރޭސި ސަރުކާރަށް މިކަމާއި ބެހޭ ރަސްމީ ލިޔެކިޔުންތައް ދެއްކުމަށް އެންގުމުންވެސް މިހާތަނަށް އެފަރާތައް އެއްވެސް ލިޔެކިޔުމެއް ދެއްކިފައިނުވާކަމަށް ރިޕޯރޓަރުންގެ ޓީމުން ހާމަކޮށްފައިވެއެވެ. އަދި މީގެ ސަބަބުން ކުންފުނިތަކުން ކޮށްފައިވާ މަނީ ލޯންޑްރިންގެ މަސައްކަތްތައް ފޮރުވި އެކަންތައް ހޯދުމަށް ދަތިތަކާއި ކުރިމަތިވަމުން އަންނަކަން ވަނީ ފާހަގަކޮށްފައެވެ.
މިފަދަ ކަންކަމުގެ ހެއްކެގެ ގޮތުގައި އަޒަރްބައިޖާންގެ ރައިސް އިލްހާމް އަލިޔަވްގެ އާއިލާއިން އަމިއްލަ ޤައުމު ލޫޓުވާލާފައިވާ ކަން ފުދޭކަމަށާއި، ބައެއް ތަހުޤީގުތަކުން އެނގޭ ގޮތުގައި އަލިޔަވްގެ އެސޯސިއޭޓުންގެ ފެންވަރުގެ މީހުންވެސް ސިއްރިއްޔާތުގައި 400 މިލިއަން ޕައުންގެ އަގުހުރި މުޢާމަލާތްތަކެއް އިންގިރޭސިވިލާތާއި އެކު ކޮށްފައިވާކަމަށް ދައްކައެވެ.
އެގޮތުން އިންގިރޭސި ސަރުކާރު ފަލީހަތްވާނެކަމެއްގެ ގޮތުގައި 31 މިލިއަން ޕައުންޑްގެ ފައިދާއި އެކު އަލިޔަވް ގަނެފައިވާ އިނގިރޭސިވިލާތުގައި ހުރި ކްރައުން އެސްޓޭޓް ދަ ކުއީންސް ހިމެނެއެވެ. މިތަން ބަލަހައްޓަމުން އައިސްފައިވަނީ އިންގިރޭސި ސަރުކާރުންކަން ފާހަގަކޮށްފައިވެއެވެ. މިކަމުގައި މަހުޖަނުންނަށް މަކަރު ހެދުމުގައި އެހީވެދޭ ކުދި ކުދި ކުންފުނިތަކުގެ އިޙުމާލު ބޮޑުކަން އައި.ސީ.އައި.ޖޭގެ ޓީމްގައި ހިމެނޭ ނޫސްވެރިޔާ ފަރގަސް ޝީލް ހާމަކޮށްފައިވެއެވެ. އެކުންފުނިތަކާއި ގުޅިގެން ޓެކްސްއަށް ފިލުމާއި މަނީ ލޯންޑްރިންގް ގެ ހަރަކާތްތައް ހިންގުމަށް މަހުޖަނުންނަށް އެހީތެރިކަން ލިބޭކަން ފާހަގަކޮށްފައިވެއެވެ. މިފަހަރު މި ލީކްވި ލިޔެކިޔުންތައް ނުވަތަ ޕެންޑޯރާ ޕޭޕަރސްތަކުން ވަރަށް ގިނަ ސިއްރުތަކެއް ފަޅާއަރާނެކަމަށް އައި.ސީ.އައި.ޖޭއިން ބުނެފައިވެއެވެ.
ޕެންޑޯރާ ޕޭޕާސް އަކީ އިންޓަރނޭޝަނަލް ކޮންސޯރޓިއަމް އޮފް އިންވެސްޓިގޭޓިވް ޖަރނަލިޒަމް (އައި.ސީ.އައި.ޖޭ)އިން ބޮޑެތި ލީޑަރުންނާއި މަޖުހަނުން ސިއްރިއްޔާތުގައި ކޮށްފައިވާ ޑީލްތަކާއި ބެހޭ މަަޢުލޫމާތުތައް ތަހުޤީގުކޮށް ހާމަކުރާ އެއްޗެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!