އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ލިވަޕޫލްގެ އެންފީލްޑްގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވެއެވެ. ނަމަވެސް މެޗުގެ ބޮޑުބައި ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ ސިޓީންނެވެ.

Ad
rt

މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ލިވަޕޫލުންނެވެ. މި ލަނޑު މުޙައްމަދު ޞަލާހް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސަޑިއޯ މަނޭއެވެ. ނަމަވެސް މެޗުގެ 69 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ފިލް ފޯޑެން ވަނީ ލަނޑުޖަހައު ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގައި ދެވަނަ ފަހަރަށް ލިވަޕޫލަށް ލީޑު ނަގައި ދީފައި ވަނީ 76 ވަނަ މިނެޓުގައި ސަލާޙްއެވެ. ސަލާހްގެ މި ގޯލަކީ އޭނާގެ ހުނަރު ބޭނުންކޮށް ސިޓީގެ ޑިފެންސް ތެރެއިން ވަދެގަނެ ޖަހާފައިވާ މޮޅު ގޯލެކެވެ. މި ލަނޑާއިއެކު ދެވަނަ ފަހަރަށް ލިވަޕޫލަށް ލީޑު ލިބުނު ނަމަވެސް މެޗުގެ 81 ވަނަ މިނެޓުގައި ޑި ބްރޭނާ ވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްފައެވެ. މި ލަނޑު ލިވަޕޫލުގެ ގޯލަށް ވަދެފައިވަނީ ޑި ބްރޭނާ ފޮނުވާލި ބާރު ހަމަލާ ލިވަޕޫލުގެ މަޓިޕް ގައިގައި ޖެހި މުސްރާބު ބަދަލުވެގެން ގޮސްފައެވެ.

މި ނަތީޖާއާއި އެކު ޗެލްސީއަށް ވަނީ ޕޮއިންޓް ތާވަލުގައި އެއް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ޗެލްސީ އެއްވަނާގައި އޮތީ 7 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި 7 މެޗުން ލިބުނު 15 ޕޮއިންޓާއިއެކު ލިވަޕޫލް އޮތްއިރު، ތިން ވަނާގައި 7 މެޗުން 14 ޕޮއިންޓް ހޯދައިގެން އޮތީ ސިޓީއެވެ.

ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު، ކްރިސްޓަލް ޕަލަސްއާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. އެސްޓަން ވިލާއަތުން އަމިއްލަ ދަނޑުގައި 2-1 އިން ޓޮޓެންހަމް މޮޅުވިއިރު، ވެސްޓްހޭމް އާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ބްރެންޓްފޯޑެވެ.