ފްރާންސް ލީގުގައި އާދީއްތަ ދުވަހު ހަވީރު ޕީއެސްޖީއާއި ރެން ބައްދަލުކުރި މެޗު ރެން އިން ކާމިޔާބު ކޮށްފިއެވެ. ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޕީއެސްޖީގެ މައްޗަށް ރެން އިން ކުރި ހޯދާފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ޕީއެސްޖީގެ ތަރިން ކަމަށްވާ މެސީއާއި ނޭމާގެ އިތުރުން އެމްބާޕޭ ވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު މި މެޗުގައި އެ ޓީމުން ޕޮޒިޝަން ހިފެހެއްޓި ނަމަވެސް ރެންގެ ގޯލާއި އަމާޒުކޮށް އެ ޓީމަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައި ނުވެއެވެ.
މި މެޗުގައި ރެން އިން ލަނޑުތައް ކާމިޔާބު ކޮށްފައި ވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓާއި ފަހު ހާފުގެ ފުރަތަމަ މިނެޓުގައެވެ. މެޗުގައި ރެން އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު 45 ވަނަ މިނެޓުގައި ސުލެމާނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ގައިޓަން ލަބޯޑޭއެވެ. މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު 46 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ލަބޯޑޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ފްލެވިން ޓެއިޓްއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ މެސީއެވެ. 31 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން މެސީ ފޮނުވާލި ބޯޅަ އަމާޒުވެފައި ވަނީ ރެންގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މީގެއިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ޕީއެސްޖީއަށް ވަނީ ލިބިގެން ގޮސްފައެވެ. މިގޮތުން ނޭމާއާއި އިދްރީސާއަށް ލިބުނު ފުރުޞަތު ފާހަގަ ކޮށްލެވެއެވެ. އެ ދެ ކުޅުންތެރިން ފޮނުވާލި ހަމަލާވެސް ވަނީ ގޯލާއި އަމާޒުވާގޮތް ނުވެފައެވެ. މިއީ ޕީއެސްޖީ މި ސީޒަންގެ ލީގުގައި ބަލިވި ފުރަތަމަ މެޗެވެ.
މި ނަތީޖާއާއި އެކު ވެސް މިވަގުތު އެއްވަނާގައި އޮތީ ޕީއެސްޖީއެވެ. އެ ޓީމަށް ވަނީ 9 މެޗުން 24 ޕޮއިންޓް ލިބިފައެވެ. ދެވަނާގައި ލެންސް އޮތީ 9 މެޗުން ލިބުނު 18 ޕޮއިންޓާއިއެކުއެވެ. މެޗުން މޮޅުވި ރެން އޮތީ 9 މެޗުން ލިބުނު 12 ޕޮއިންޓާއިއެކު 9 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!