ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޝަރީއަތް އޯޑިއޯ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދިއުމަށް ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް އަމުރުކޮށްފި އެވެ.

ސްޕްރީމް ކޯޓުން މިގޮތަށް އަންގާފައި ވަނީ، ޖިންސީ ގޯނާގެ 7 ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަޙީދު ރައްޖެއިން ބޭރުގައި ހުންނަވައިގެން ޝަރީޢަތުގައި ބައިވެރިވެވޭ ގޮތަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިޢުނާފް ކުރުމުން މިއަދު ނެރުނު އަމުރެއްގައެވެ.

Ad
rt

އެ އަމުރުގައި ބުނެފައިވަނީ، އަލީ ވަޙީދުގެ މައްސަލައިގައިވެސް އަދި ކްރިމިނަލް ކޯޓުން ބަލާ އެއްވެސް މައްސަލައެއްގައިވެސް ދައުވާ ލިބޭ ފަރާތް ރާއްޖޭގެ ސަރަހައްދުން ބޭރުގައި ވަނިކޮށް، ޝަރީޢަތް އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދިއުމަށް އަންގާކަމަށެވެ.

މިމައްސަލައިގެ އަޑުއެހުމުގައި ބައިވެރިވާން އަލީ ވަޙީދަށް ޗިޓް ފޮނުވުމުން ހާޒިރުވެފައި ނުވާތީ މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ އޭނާ އެ ކޯޓުގެ ހުރުމަތް ކެނޑީކަމަށް ބަލައި 2 މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ.

ޖިންސީ ގޯނާގެ ތުހުމަތު ކުރެވި، މަގާމުން ވަކި ކޮށްފައި ވަނިކޮށް ޢަލީ ވަހީދު ވަނީ ރާއްޖެ ދޫކޮށް ފުރާ ވަޑައިގެންފައެވެ. އެއިރު އޭނާގެ މައްޗަށް ޝަރީޢަތް ހިންގަން ފަށާފައި އޮތް ނަމަވެސް އޭނާ ފުރާ ވަޑައިގަތީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެދުމުން ކްރިމިނަލް ކޯޓުން ހުއްދަ ދެއްވުމުންނެވެ.