ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިސްވެ އުފައްދަވާފައިވާ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އިސް މަގާމުތަކަށް މެންބަރުން އިންތިޚާބުކޮށްފިއެވެ.
މިގޮތުން އޮންލައިންކޮށް މިއަދު ކުރިއަށްދިޔަ އެމްއާރުއެމްގެ ނެޝަނަލް ކޮންވެންޝަންގައި އެ ޕާޓީގެ ޒައީމަކަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިންތިޚާބު ކޮށްފައިވާއިރު، ޕާޓީގެ ރައީސަކަށް އިންތިޚާބުކޮށްފައި ވަނީ ރައީސް މައުމޫންގެ ދަރިކަލުން އަދި ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫންނެވެ.
އެމްއާރުއެމްގެ ނައިބު ރައީސުންނަށް އިންތިޚާބުވީ އެ ޕާޓީގައި އިސްކޮށް އުޅުއްވާ އައިމިނަތު ނާދިރާއާއި، މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް އެވެ. އަދި އެ ޕާޓީގެ ޒުވާނުންގެ ކައުންސިލްގެ ރައީސްއަކަށް އިބްރާޙީމް ފަރުޙާދު އިންތިޚާބުވެފައިވާއިރު، އަންހެނުންގެ ކައުންސިލްގެ ރައީސްއަކަށް އިންތިޚާބުވީ އާރިޒާ ރަޝީދެވެ.
މީގެއިތުރުން ވެސް އެގްޒެކްޓިވް ކޮމެޓީގެ މެންބަރުންނާއި، ޒުވާނުންގެ ކައުންސިލާއި، އަންހެނުންގެ ކައުންސިލްގެ މަގާމުތަކަށް ވެސް މެންބަރުން އިންތިޚާބުކޮށްފަވެއެވެ.
މިއަދު ކުރިއަށްދިޔަ އެމްއާރުއެމްގެ ނެޝަނަލް ކޮންވެންޝަންގައި ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދާއި، ހިންގާ ގަވާއިދު ވެސް ފާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!