ހުޅުމާލޭ ދެވަނަ ފޭސްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ސަރުކާރަށް މަހަކު ދައްކަންޖެހޭ އަދަދު ކުޑަކޮށް ދިނުމަށް އެދި އަނެއްކާވެސް ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާކަމަށް މާލޭގެ މޭޔަރު ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު ޑރ. މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ ޢަދަދު 5600 ރުފިޔާއަށް ވުރެ ކުޑަކޮށްދެއްވުމަށް އެދި އަނެއްކާވެސް ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށެވެ.

Ad
rt

މިއީ މިގޮތަށް އެދި ސިޓީ ފޮނުއްވި 3 ވަނަ ފަހަރު ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. އަދި މިފަހަރުގެ ސިޓީ ފޮނުވީ ނިމުނު ހަފްތާގައި ކަމަށް ވެސް ވިދާޅުވިއެވެ.

"ފިނިޝިންގ މަސައްކަތަށް މަދުވެގެން 9 މަސްދުވަސް ދެއްވުމަށް ތަކުރާރުކޮށް އެ ސިޓީގައި އެދިފައިވާނެ." މޭޔަރު، ޑރ. މުޢިއްޒު ވިދާޅުވެފަވެއެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ ޢަދަދު 5600 ރުފިޔާއަށް ވުރެ ކުޑަކޮށްދެއްވުމަށް މާލޭ ސިޓީ ކައުންސިލުން 3 ވަނަ ފަހަރަށް އެދިފައިވާއިރު "ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭފަރާތްތަކުން ފްލެޓަކަށް މަހަކު ޖުމްލަ ދައްކަން ޖެހެނީ 8500 ރުފިޔާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ކަނޑައަޅާފައެވެ.

މިއަހަރުގެ މޭމަހު އެޗްޑީސީން ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ އަގުތައް ކަނޑައަޅައި އާންމުކޮށްފައިވާއިރު، މި ފްލެޓްތަކަށް އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7,500 ރުފިޔާ އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާގޮތަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އެހެންކަމުން ހިޔާ ފްލެޓަކަށް މަހަކު ޖުމްލަ ދައްކަން ޖެހޭނީ 8500 ރުފިޔާއެވެ.

މީގެއިތުރުން ފުލެޓު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ މުއްދަތުގައި އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭއިރު، މި ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގާ ގޮތަށް ވެސް އެޗްޑީސީން ވަނީ ހަމަޖައްސާފައެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ކަށަވަރުވި ގިނަ ބަޔަކު މިހާރު އެތަންތަނަށް ބަދަލުވުމުގެ މަސައްކަތް ފަށާފައިވާއިރު ބައެއް ޢާއިލާތަކުން ވަނީ އެތަންތަނަށް ބަދަލުވެސް ވެފައެވެ.

ހުޅުމާލޭ ފޭސް 2 ގައި ކުރީ ސަރުކާރުން ހިންގަންފެށި ހިޔާ މަޝްރޫޢުގެ ދަށުން 6,720 ފުލެޓް އިމާރާތްކޮށްފަ ވެއެވެ.